އެމެރިކާގައި ދާދިފަހުން ކަޅުނަސްލުގެ މީހަކު މަރާލުމާއި ގުޅިގެން ވަރުގަދަ މުޒާހަތާކެއް ކޮށްފައި ވަނިކޮށް، އަނެއްކާވެސް ކަޅު ނަސްލުގެ ޒުވާނަކު މަރާލައިފިއެވެ.

ނޫސްތަކުން މިކަން ހާމަކޮށް ބުނެފައިވަނީ އެމެރިކާ ފުލުހުން އިއްޔެ މަރާލީ އުމުރުން 27 އަހަރުގެ، ވޮލްޓާ ވެލެންސް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ މަރާލާފައި ވަނީ ވަޅިން ފުލުހުންނަށް ހަމަލާދޭން އުޅުނު ކަމަށް ބުނެއެވެ.

އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން މި ހާދިސާގެ މަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، އެ ޒުވާން މަރާލީ އަމުރަށް ކިޔަމަން ނުވެ، އޭނާގެ އަތުގައި އޮތް ވަޅިއެއް އެއްލާނުލައި ފުލުހުންނާއި ދިމާލަށް ދިއުމުން ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުން އޭނާ މަރާލީ ބަޑިން ހަމަލާ ދީގެންނެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯ ރެކޯޑިންއެއް މިހާރު ދައުރުވަމުން ދާއިރު، ފުލުހުން އޭނާއަށް ހަމަލާ ދިންވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮތްތަނެއް ނުފެނެއެވެ. އެހެންކަމުން މި މައްސަލައިގައި ފުލުހުން ދައްކާފައިވާ ވާހަކަތަކާއި ގުޅޭގޮތުން ވަނީ ސުވާލު އުފެދިފައެވެ.

މި ހާދިސާގައި މަރުވި މީހާގެ އާއިލީ ފަރާތަކުން ނޫސްތަކުގައި ބުނެފައިވާ ގޮތުން އެ ޒުވާނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ. އަދި ފުލުހުން އޭނާ މަރާލީ ހަށިގަނޑުގެ ދިހަ ތަނަކަށް ބަޑި ޖެހުމަށްފަހު ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ޕެންސީލްވޭނިއާގެ އަވަށެއްގައެވެ. ހާދިސާ ހިނގުމާއި ގުޅިގެން ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށް އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި އެމެރިކާ ފުލުހުންތަކެއް ވެގެން ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅުނަސްލުގެ މީހަކު މަރާލި މައްސަލައަކާއި ގުޅިގެން ވެސް އެޤައުމުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވެއެވެ. އެ ހާދިސާގެ މައްސަލަ ހޫނުވެ މުޒާހަރާތައް ފެށުމާއެކު ފްލޮއިޑް މަރާލުމުގައި ބައިވެރިވި ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށް ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ފަހުން އެމީހުން ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.

ފްލޮއިޑް މަރާލުމާއި ގުޅިގެން ކުރި މުޒާހަރާތަކުގެ ސަބަބުން އެމެރިކާގެ ގިނަ ސިޓީތަކުގައި ކާފިއުވެސް އިއުލާނުކޮށްފައި ވެއެވެ.