ސޫދާނަށް އާދަޔާއި ޚިލާފަށް ބޮކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އަށްލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.

މިކަން ހާމަކޮށް ބައިނަލްއަޤުވާމީ ޖަމިއްޔާ، "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫދާނަށް ވިއްސާރަވެ ގުދުރަތީ ކާރިސާތައް ހިނގަމުން ދަނީ މިދިޔަ ޖުލައި މަހުން ފެށިގެން ކަމަށެވެ. މިކަމުގެ ސަބަބުން ކޯރުތައް ބަންޑުން ޖެހި ފެންބޮޑުވުމުގެ ގިނަ ހާދިސާތައް އެޤައުމުގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނަ ސިޓީތަކުން ގިނަ ބަޔަކު ވަންނާނެ ގެދޮރުނެތި ހާލުގައި ޖެހިފައިވާއިރު، އެތައް ލައްކަ ބަޔަކު ކާބޯތަކެއްޗަށްވެސް ޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި މެލޭރިއާފަދަ ބަލިތައްވެސް ފެތުރި ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ސޫދާނުގައި ވިއްސާރަވުމުގެ ސަބަބުން ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ވެސް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ހަމަ އެހެންމެ މި ދަނޑިވަޅުގައި އެޤައުމުގެ ބޮޑެތި ސިޓީތަކުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ވެސް ބައެއް ހިސާބުތަށް ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުން ސޫދާނަށް ނުރައްކާތެރި އެތައް ހާލަތެއް އެއް ވަގުތަކާއި ދިމާވެފައިވާ މި ދަނޑިވަޅުގައި، ފެންބޮޑުވުމުގެ ސަބަބުން ބައެއް ހިސާބުތަކަށް ކާބޯތަކެއްޗާއި ސިއްޙީ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހުރަސް އެޅިފައެވެ. މިކަމުގެ ސަބަބުން ހާލުގައި ޖެހި އެތައް ބަޔަކު މަރުވެފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އުތުރު އެފްރިކާ ސަރަޙައްދުގައި އޮންނަ ސޫދާނަކީ 44 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އެޤައުމަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތް ޤައުމެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޔަހޫދީންނައި ނަސާރާއިންނާއި އެކު ޑީލްހެދިފަ ތިއޮތީ

    7
    1
  2. ރިޟްވާން

    އިސްލާމްދީން އެއީ ޤައުމުގެ ދީން ކަމުން ވަކި ކޮށް ހުޅަނގަށް ބޯލަބައި މާތްﷲ ގެ މަގުން އެއްކިބައިވެއްޖެ ނަމަ ރައްކާތެރިކަމެއް ވެސް ހިތް ހަމަޖެހުމެއްވެސް ނޯންނާނެ !

    4
    1