އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްދާރަކޮށް ކާޓޫނު ކުރެހި ފްރާންސުގެ ޗާލީ ހެބްޑޯ މަޖައްލާއިން ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންގެ ކާޓޫނުވެސް ކުރަހަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެ މަޖައްލާއިން ތުރުކީގެ ރައީސްއަށް ނިސްބަތްކޮށް ކާޓޫނު ކުރަހާނެކަން ހާމަކޮށްފައި ވަނީ، ރަސޫލާއަށް ފުރައްސާރަކޮށް އެ މަޖައްލާއިން ފެށި މަސައްކަތަށް ފްރާންސްގެ ސަރުކާރުން އެއްބާރުލުމާއި ހިއްވަރު ދެމުންދާތީ ތުރުކީ އިސްވެ ފްރާންސާއި ދެކޮޅަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ޗާލީ ހެބްޑޯގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މަޖައްލާގެ ދެން ނެރޭ އަދަދުގެ ބަނޑޭރި ގަނޑުގައި ޖަހާނީ އުރުދުޣާންގެ ކާޓޫނު ކަމަށެވެ. އެ ޓްވީޓުގައި ދެން ނެރޭ މަޖައްލާގައި ޝާޢިއުކުރާނެ ފޮޓޯ ކަމަށް ބުނެ އުރުދުޣާން އަންހެނަކަށް ޖިންސީ ފުރައްސާރަކުރާ މަންޒަރު ދައްކައިދޭހެން ކާޓޫނު ހަދާފައި ވެއެވެ.

ޗާލީ ހެބްޑޯގެ ދެން އަންނަ އަދަދު ނެރެން ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. އެ މަޖައްލާއިން އުރުދުޣާންގެ ކާޓޫނު ނެރެން ނިންމާފައި މިވަނީ އިސްލާމީ އުންމަތާއި މުސްލިމް ޤައުމުތަކަށް ގޮންޖެހުމުގެ ގޮތުންނެވެ.

ތުރުކީގެ ރައީސްގެ ކާޓޫނު ޗާލީ ހެބްޑޯގައި ޖަހާނެކަން އެ މަޖައްލާއިން ބުނެފައި ވާއިރު، ތުރުކީއަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ރިޔާސަތު ބަލަހައްޓާ ޤައުމެވެ. އިސްލާމީ ޤައުމުތަކުން އެންމެ ވަރުގަދަ އިޤްތިސާދު އޮތް ޤައުމަކީވެސް ތުރުކީއެވެ. އެޤައުމުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް އިހާނެތިކޮށް ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށްވެސް އިސްވެ ވާހަކަ ދައްކަމުންނެވެ. މި ސަބަބަށްޓަކައި ކާފަރުން އެޤައުމާއި މެދު ވަަރަށް ބޮޑަށް ނަފުރަތުވެއެވެ.

ޗާލީ ހެބްޑޯއިން ދީނަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތައް ފާއިތުވެދިޔަ ދުވަސްތަކުގައި ފްރާންސުގެ އިމާރާތްތަކުގައި ވެސް އަޅުވާފައި ވެއެވެ. މިކަން ނުހުއްޓުވާނެކަން ހާމަކޮށް ފްރާންސުގެ ރައީސް އެމަނުއެލް މެކްރޯން އާއި އެޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

ފްރާންސްގެ މި ހައްދުފަހަނައެޅި އަމަލުތަކާއި ގުޅިގެން މުސްލިމް ޤައުމުތަކުން އެޤައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، ގިނަ ޤައުމުތަކުގައި ފްރާންސްގެ އުފެއްދުންތައް ވިއްކުންވެސް ހުއްޓާލާފައި ވެއެވެ. އަދި ފްރާންސްގެ ރައީސާއި ދެކޮޅަށް ބޮޑެތި އެއްވުންތައްވެސް އަންނަނީ ބާއްވަމުންނެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކެމްޕޭނެއް މިހާރު ދުނިޔޭގައި އަންނަނީ ހިނގަމުންނެވެ. ފްރާންސް ސަރުކާރުން ވަނީ އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭން ހުއްޓާލަން ގޮވާލާފައެވެ. ނަމަވެސް ކީރިތި ރަސޫލާ (ސ.އ.ވ) އާއި ގުޅޭ ގޮތުންނާއި އިސްލާމްދީނާއި ގުޅޭގޮތުން ފްރާންސްގެ ރައީސް ދެއްކި ވާހަކަތަކަށް މަޢާފަށް އެދެން ފްރާންސް ސަރުކާރުން އަދިވެސް ދެކޮޅު ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަރެން

    އަހަރެމެންގެ ކާޓޫނު ހަދައި ޢާންމު ކުރުމަކުން މައްސަލައެއް ނެތް. އަހަރެމެންގެ ނަފްސާއި، މުދަލާއި ދަރިންނަށްވުރެ އަަރެމެންލޯބިވާ މާތް ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމް އަށް ބަދުބަސް ބުނެގެން ނުވާނެ. އެއީ ޙަޖަމް ކުރާނެކަމެއްވެސް ނޫން.

    20