ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ އުސޫލުތަކާ ޚިލާފުވެ ކްރިސްމަސް ފާހަގަ ކުރާނަމަ އެކަން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމަށް ވެސްޓް މިޑްލެންޑް ފުލުހުން ބުނެފިއެވެ.

ވެސްޓް މިޑް ލެންޑްގެ ޕޮލިސް އެންޑް ކްރައިމް ކޮމިޝަނަރު ބުނީ ގަވާއިދާ ޚިލާފަށް އެއްވެ އުޅޭ އާއިލާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ސިޓީ ގައި އެކި ގެތަކުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން އެއްވެ އުޅުމަކީ މަނާ ކަމެކެވެ.

ފުލުހުން ބުނީ ކްރިސްމަސް އާ ގުޅުން ހުރި އުފާ ފާޅުކުރުންތައް ހުއްޓުވުމަކީ ފުލުހުންގެ ޒިންމާއެއް ނޫން ކަމަށާއި ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލާ އެ ގަވާއިދުތަކަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނޭ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ މީހުން އުފާފާޅުކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ބާއްވާ ދުވަސްކޮޅެކެވެ.

ކްރިސްމަސްގެ އިތުރުން ހަނުއްކާ އާއި ދިވާލީ ފާހަގަ ކުރުންތައް ބާއްވާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ގިނަ އެއްވުންތައް ބާއްވާ ނަމަ މިހާރަށްވުރެ އިތުރަށް ކޮވިޑް-19 ފެތުރޭނެ ކަމަށް ސިއްޚީ ދާއިރާގެ ފަރާތްތަކުން ބުނެއެވެ.

ސިއްޚީ ތަޖުރިބާކާރުން ބުނަނީ މީހުން އެއްވުންތައް ބާއްވާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވާނަމަ އެތައް ބަޔަކު ފައްސިވެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު