ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރި އުދުވާނީ ސިފައިން ހިންގާފައިވާ ގަތުލު އާންމު ތަހްގީގެއް ހިންގުމަށް ފަލަސްތީނުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގޮވާލައިފިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލްމަލްކީ ވަނީ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އައި.ސީ.ސީގެ ޗީފް ޕްރޮސެކިއުޓަރ ފަތޫ ބެންސޫޑާއާ، ހޭގްގައި ބައްދަލު ކުރައްވާ އިސްރާއީލްގެ ގަތުލް އާންމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ފަލަސްތީނު އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ ޝަރީޢަތް ފެށުމަށްޓަކައި ޝަރީޢަތް ހިންގުމަށް ބޭނުންވާ ހެކި އެއްކުރުމުގެ މަސައްކަތް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ފަށާފައެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އޮފިޝަލުން ހިންގަމުންގެންދާ އެތައް ޒަމާނެއްވީ ޖަރީމާތައް އައިސީސީން ތަހްގީގު ކުރަން ފެށުމަކީ ވަރަށް މުހިންމު އަދި ތާރީޚީ ކަމަށްވެސް ވެގެންދާނެ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކުގެ އެތަކެއް ހެކި އެބަހުރި, މިޖަރީމާތަކަށް ޒިންމާވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ލަސްނުކޮށް ހާޟިރުކުރަންޖެހޭ" ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލްމަލްކީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާނުތަކުގެ ތަފްސީލް މައުލޫމާތު އައިސީސީގެ ވެރިޔާ ފަލަސްތީނުގެ ޚާރިޖީ ވަޒީރުވަނީ، ހިއްސާ ކުރައްވާފައެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހަފްތާގައި ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަކަރު

    އިސްރާއީލުން ހިންގި ގަތުލު އާންމު، ރާއްޖެ އިން ކުށްވެރި ކުރުމުން ނުސައިރު ފޮނުވީ ދިވެހިންނަށް ޖެއްސުން ކުރުމަށް، އޭނަގެ ކަންތައް ގަނޑު ފަސޭހައިން ހުއްޓޭނެހެން ހީއެއް ނުވޭ، މިހާރު އޭނަގެ މޫނު މަތި ދިވެހިންގެ ކުރިމަތީގައި ރީތި ކުރެވޭތޯ އެހެން ބުލޮގަރ އެއް އެބަފޮނުވާ!