ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު 8 މިލިއަނަށް އަރައިފިއެވެ.

އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު 7 މިލުއަނުން 8 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދެވަރަކަށް ހަފްތާ ތެރޭގައެވެ. މީގެކުރިޔާއި އަޅާބަލާއިރު އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިފައިވީނަމަވެސް އެޤައުމަށް ބަލީގެ ނުރައްކާ އަދިވެސް ކުޑައެއް ނުވެއެވެ. މިގޮތުން އަދިވެސް ދުނިޔެއިން ކޮންމެ ދުވަހަކު އެންމެ ގިނަ ބަޔަކު ފައްސިވާ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި އިންޑިއާ އޮވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 42,738 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އިއްޔެ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީ އިންޑިއާއެވެ. އެޤައުމުން އިއްޔެ އަލަށް ފައްސިވި މީހުންނާއެކު، ޖުމްލަ އަދަދު މިހާރު ވަނީ 8,031,591 އަށް އަރާފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ވާއިރު، އެޤައުމުން މިބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އެތައް ސަތޭކަ ބަޔަކު ހިމެނޭހެން މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 120,496 އަށް އަރާފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ކުރިޔަށް އޮތީ އިންޑިއާއަށް ބިރުބޮޑު ދުވަސްތަކެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 605,113 މީހަކަށެވެ. އޭގެތެރެއިން 8,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އަދި އެޤައުމަކީ އެމެރިކަ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު