ފްރާންސްގެ އެންމެ ބޮޑު މުސްލިމް ޖަމިއްޔާ، "ބަރަކާސިޓީ"، ހިންގުމަށް އެޤައުމުގައި ދީފައިވާ ހުއްދަ ބާތިލުކޮށް އެ ޖަމިއްޔާ އުވާލައިފިއެވެ.

މި ޖަމިއްޔާ އުވާލާފައި މިވަނީ، ފްރާންސްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގައި މުސްލިމް ޤައުމުތަކާއި ޖަމާޢަތްތަކުން ފްރާންސާއި ދެކޮޅަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

"ބަރަކާސިޓީ" އުވާލާފައިވާކަން ހާމަކޮށް ފްރާންސްގެ އިންޓީރިއާ މިނިސްޓަރ، ޖެރަލްޑް ޑާމަނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއަކީ މުސްލިމުން ފަހަތުގައި ތިބެގެން ހައްދުފަހަނައަޅާފައިވާ ކަންކަން ރާވައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށެވެ. އަދި އެ ޖަމިއްޔާއަކީ ނިރުބަވެރިންނަށާއި، ނިރުބަވެރި އަމަލުތައް ހިންގުމަށް ހިއްވަރުދޭ ޖަމިއްޔާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަރަކާސިޓީ" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި 26 ޤައުމެއްގެ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ސިއްޙީ އެހީތެރިކަމާއި ކާބޯތަކެއްޗާއި އެނޫންވެސް އެހީ ފޯރުކޮށްދީފައެވެ.

މި ޖަމިއްޔާ އުވާލުމާއި ގުޅިގެން ޖަމިއްޔާގެ ފައުންޑަރ، އިދްރީސް ޝިހާމެދީ ކުރެއްވި ޓްވީޓެއްގައި ވަނީ، ފްރާންސްގައި ދިރިއުޅުން ރައްކާތެރިކަމަށް ޤަބޫލު ނުކުރެއްވޭތީ އެހެން ޤައުމަކުން ޙިމާޔަތަށް އެދިވަޑައިގެންފައެވެ. އަދި ފްރާންސްގައި މި ޖަމިއްޔާގެ މުވައްޒަފުންނަށް ވެސް ދިރިއުޅެން ނުރައްކަލަކަށް ވެފައިވާ ކަމަށް އިދްރީސް ވިދާޅުވިއެވެ.

"ބަރަކާސިޓީ" އުވާލުމުގެ ކުރިން، ފްރާންސްގައި މުސްލިމުންނާއި ދެކޮޅަށް ތަންތަން ބަލައި ފާސްކުރުމަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި އިދްރީސްގެ ގެޔަށް ފުލުހުން ވަދެ އޭނާ ހައްޔަރުވެސް ކޮށްފައި ވެއެވެ. ފުލުހުން ވަނީ އޭނާ ހައްޔަރު ކުރުމުގައި އަނިޔާކޮށް ގެޔަށްވެސް ގެއްލުން ދީފައެވެ.

ފްރާންސްގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް އިތުރުކޮށްފައި މިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އެޤައުމުގެ ޓީޗަރެއްގެ ކަރުބުރިކޮށްލި ހާދިސާއަކާއި ގުޅިގެންނެވެ. އޭނާ މަރާލާފައި ވަނީ، ދަރިވަރުންނަށް ދީނަށް ފުރައްސާރަކޮށްފައިވާ ކާޓޫނުތަކެއް ދެއްކި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ޓީޗަރު މަރާލި ހާދިސާއާއި ގުޅިގެން ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޯން އާއި އެޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ މިއީ "އިސްލާމިކް ޓެރެރިޒަމް" ގެ އަމަލެއް ކަމަށް ބުނެފައެވެ.

މި ހާދިސާއަށްފަހު ފްރާންސުގައި މުސްލިމުންނާއި މެދު އިހާނެތިކޮށް ޢަމަލުކޮށް މުސްލިމުންނަށް ދުއްތުރާ ކުރުމާއެކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގަމުންދަނީ އެޤައުމުގެ ވެރިންނާއި އާންމުން ގުޅިގެންނެވެ. މިގޮތުން ދީނަށް ފުރައްސާރަކޮށް ކުރަހާފައިވާ ކުރެހުންތައް އެޤައުމުގެ އިމާރާތްތަކުގައި ވެސް ވަނީ ހަރުކޮށްފައެވެ. މިކަން ނުހުއްޓުވާނެކަން ހާމަކޮށް ފްރާންސްގެ ސަރުކާރުން ބުނެފައި ވަނީ އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

ފްރާންސްގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިސްލާމީ ބޮޑެތި ޤައުމުތަކުން އަޑުއުފުލަމުން އަންނައިރު ބޮޑެތި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކޮށް، ވިއްކުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހްމަދު

  ދައްޖާލުންތައް މުސްލިމު ގައުމުތަކަށް އައިސް ހައްގުތަކޭ މިނިވަންކަމޭ ކިޔައިގެން އެބަ އަނގަތަޅައޭ
  އެ ގައުމުތަކުގަ މިއުޅެނީ ދިރި ނޫޅެވިގެން

  45
  1
 2. ކަނަމަނަ

  ﷲ ފުރާންސް ކާފިރުންނަށް ތެދުމަގު ދައްކަވާދޭވެ

  25
 3. އީސަ

  ހަގީގަތަކީ މުސްލިމުންގެ ބަޔަކު އެ ޓީޗަރުގެ ކަރު ބުރިކޮށްނުލިނަމަ މިހެން ނުވީސްކަން.

  2
  24
  • އެންދެރި

   އެހެންތަ؟ފުރަތަމަ މިސުވާލަށް ޖަވާބު ދީބަލަ ނިކަން..އަހަރެމެންގެ މާތް ރަސޫލާ ޞައްލަށްﷲ ޢަލައިހި ވަސައްލަމް އެބައިމީހުންނަށް ކީއްކުރަން އެއްވެސް މީހަކަށް ދިން ގެއްލުމެއް ނިކަން ބުނެބަލަ.މިފާޑަށް އެކަލޭގެފާނުގެ ޝަޙްސިއްޔަތު ހަޑިކުރަމުން މިދަނީ އަޅެފަހެ ކީއްވެގެންކަން ބުނެދީބަލަ.ފެށުނީއްސުރެ މިކަން މިހެން މިހިނގަނީ..

   18