ކޮވިޑް-19 ފެތުރުން އިތުރުވެ، ބަލީގެ ނުރައްކާ އިތުރަށް ބޮޑުވުމުން ފްރާންސާއި ޖަރުމަން ފުރަބަންދު ކުރަން އެގައުމުތަކުގެ ސަރުކާރުން ނިންމައިފިއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ގައުމާއި މުހާތަބު ކުރައްވާ ދެއްވި ތަޤުރީރެއްގައި ވިދާޅުވީ ފުރަބަންދުގެ އުސޫލުތަކަށް ހުކުރު ދުވަހުން ފެށިގެން އެގައުމުގައި އަމަލު ކުރަން ފަށާނެ ކަމަށެވެ. ފުރަބަންދު އެންމެ އަވަހަށް ވެސް ނިމުމަކަށް ގެންނާނީ ޑިސެމްބަރ މަހުގެ 01 ވަނަ ދުވަހު ކަމަށް ވެސް މެކްރޯން ވިދާޅުވިއެވެ.

ފުރަބަންދުގައި ފްރާންސްގެ އެއްވެސް މީހަކު ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށާއި ސިއްހީ ފަރުވާ ހޯދުމަށާއި ކޮންމެ ދުވަހަކު އެއްގަޑިއިރު ކަސްރަތު ކުރަން ފިޔަވައި ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. ރެސްޓޯރެންޓްތަކާއި ބާތަކާއި ކޮންމެހެން ބޭނުންވާ ތަކެތި ފިޔަވައި އެހެން ތަކެތި ވިއްކާ ފިހާރަތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

އަދި ފްރާންސްގެ އެއް ރީޖަން އިން އަނެއް ރީޖަން އަށް ދަތުރު ކުރުމާއި ބައެއް ސަރަހައްދުތަކުން އެހެން ގައުމުތަކަށް ދަތުރު ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ޔުނިވަސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް ސްކޫލްތައް ބަންދު ކުރާކަށް އަދި ނުނިންމައެވެ.

ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ގެއިން ނިކުންނަ މީހުން ވެސް އެމީހަކު ގެއިން ނިކުންނަނީ ކޮން ބޭނުމެއްގައި ކަން އަންގައިދޭ ހުއްދައެއް އަތުގައި އޮންނަން ޖެހޭނެއެވެ. އަދި ގެއިން ބޭރަށް ނިކުންނަ މީހަކަށް ވެސް ދެވޭނީ ގެއާއި އެއްކިލޯމީޓަރު ދުރަށް ކަމަށް ވެސް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

ޖަރުމަންވިލާތުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ ޖަރުމަންވިލާތް ފުރަބަންދު ކުރާނީ ނޮވެމްބަރ މަހުގެ 02 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާގެ މުއްދަތަކަށް ކަމަށެވެ.

ޖަރުމަންވިލާތް ފުރަބަންދުކޮށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ބާތަކާއި ޕަބްސްތައް ބަންދު ކުރުމާއި ރެސްޓޯރެންޓްތައް ބަންދު ކުރުން ހިމެނެއެވެ. ނަމަވެސް ރެސްޓޯރެންޓްތަކުން ޓޭކް އަވޭގެ ޚިދުމަތް ލިބޭނެއެވެ. ޖިމްތަކާއި ސިނަމާތަކާއި ތިއޭޓަރުތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

އަމިއްލަ އަށް ގޭގައި ބާއްވާ ބައްދަލުވުންތަކުގައި ވެސް ދިހަ މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވުން ވަނީ މަނާ ކޮށްފައެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވޭނީ އެންމެ ގިނަ ވެގެން ދެގެއެއްގެ މީހުންނަށް ކަމަށް ވެސް ވަނީ ނިންމާފައެވެ. ފަތުރުވެރިންނަށް ޚިދުމަތްދޭ ހޮޓާތައް ވެސް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް ކޮންމެހެން ހޮޓަލެއްގައި ހުންނަން ޖެހޭ މީހަކަށް ހޮޓަލެއްގައި ހުރުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.

ފިހާރަތައް ބަންދު ނުކުރަން ޖަރުމަންވިލާތުން ވަނީ ނިންމާފައެވެ. ނަމަވެސް ފިހާރަތަކުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ވަނީ އަންގާފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އިއްޔެ ދުނިޔެ އިން 504،419 (ފަސްލައްކަ ހަތަރުހާސް ހަތަރުސަތޭކަ ނަވާރަ) މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ތެރޭގައި ޔޫރަޕުން ފައްސިވި 245,787 (ދެލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް) މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޯމައި ގޯޑް

    ފްރާންސް ގެ ރައީސް އަށް އެބަ ޖެހޭ ލެސަން އެއް ނަގާދެން

    10
  2. ހގޗ

    އަދިވެސް ކާޓޫނުކުރެހޭތޯބަލާބަ.

    11