މުސްލިމުންގެ އެންމެ މުގައްދަސް އެއް ހަރަމް ކަމުގައިވާ މައްކާގައި ހުންނަ ހަރަމްފުޅު ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށް ފަހު އަލުން އާންމުކޮށް ހުޅުވާލި ފަހުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފިއެވެ.

"އަލް އަރަބިއްޔާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު އާންމުކޮށް ހަރަމް ހުޅުވާލުމާއެކު އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރައިފައެވެ.

ހަރަމްފުޅު ހުޅުވާފައި ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައި އޮންނަތާ ހަތް މަސް ވެފައި ވަނިކޮށެވެ. ސައުދީ ސަރުކާރުން އާންމުކޮށްފައިވާ ގޮތުގައި ހަރަމްފުޅު ހުޅުވާލި ފަހުން އުމްރާ ވެފައިވާ މީހުންގެ 59 އިންސައްތަ އަކީ އެގައުމުގެ ރައްޔިތުންނެވެ. އަދި ބާކީ 41 އިންސައްތަ މީހުންނަކީ ސައުދީގައި ދިރިއުޅެމުން އަންނަ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް އެނޫހުން ވަނީ ސައުދީ ސަރުކާރާއި ހާވާލާދޯ ރިޕޯޓުކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ހަރަމްފުޅު ހުޅުވާލުމަށް ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ހަރަމްފުޅު އާންމުކޮށް ހުޅުވާލައިވެސް މި ފިޔަވަަހީގައި ހުއްދަ ދޭނީ 20،000 މީހުނަށެވެ. އަދި ކޮންމެ ދުވާލެއްގެ މައްޗަށް ހަރަމްފުޅަށް ވަދެވޭނީ 60،000 މީހުންނަށެވެ.

ހަރަމްފުޅު ހުޅުވާލުމުންވެސް އުމްރާގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންނަށް އެކަނި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.