އޮކްސްފޯޑް ޔުނިވަސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ހުރިހާ ތަހްލީލްތަކެއް ނިންމުމަށްފަހު އާއްމުކޮށް ބޭނުން ކުރެވޭ ވަރަށް ހުރިހާ ކަމެއް ޑިސެމްބަރ މަސް ނިމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ އެޑްރިއަން ހިލް ވިދާޅުވެއްޖެއެވެ.

އެޑްރިއަން އިނގިރޭސިވިލާތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާފައިވާ އަދި އެސްޓްރާޒެނެކާ އިން ސަޕްލައި ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ ވެކްސިންގެ ހުރިހާ ތަހްލީލެއް މިއަހަރުގެ ކްރިސްމަސްގެ ކުރިން ނިމި ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ. ކްރިސްމަސް އަކީ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތުންނާއި އަދި ވެކްސިންގެ ތަހްލީލްތައް ކުރިއަށް ގެންދެވިފައިވާ ގޮތައް ބަލާފައި ވެކްސިން އާއްމުކޮށް ބޭނުން ކުރުމަށް ސިއްހަތާއި ބެހޭ ސަރުކާރުގެ އިދާރާތަކުން އެމެޖެންސީ ހުއްދައެއް ދޭން ޖެހޭނެ ކަމަށެވެ. އެއީ ވެކްސިން އަވަހަށް މީހުންނަށް ފޯރުކޮށްދިނުމަށް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑްރިއަން ވިދާޅުވީ ކޮވިޑް-19 އަށް އޮކްސްފޯޑް އިން އުފެއްދި ވެކްސިން މިއަހަރު ނިމުމުގެ ކުރިން ފުރަތަމަ ދެވޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ. އާއްމުކޮށް އެންމެންނަށް ވެކްސިން ދެވޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑްރިއަން ވިދާޅުވީ ވެކްސިންގެ ތަހްލީލްތައް އަދި ނުނިމުނަސް މިހާރު ވެސް އެސްޓްރާޒެނެކާ އިން ވަނީ އެތައް ބިލިއަން ޑޯޒެއްގެ ވެކްސިން އުފައްދާފައެވެ. އެހެންކަމުން ވެކްސިން ވަރަށް އަވަހަށް އާއްމުންނަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.

އޮކްސްފޯޑްގެ ވެކްސިން މިއަހަރު ލިބިދާނެ ކަމަށް ކުރިން ވެސް އުއްމީދު ކުރެވުނެވެ. ނަމަވެސް ވެކްސިންގެ ތަހްލީލްތައް އެތައް ފަހަރަކު މެދުކަނޑާލަން ޖެހުމުން ބައެއް ތަޖުރިބާކާރުން ވަނީ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ މިއަހަރު ލިބިދާނެތޯ ސުވާލު އުފައްދާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގެ އެންމެ ކުރީގައި އުޅޭ ޗައިނާ އިން ވަނީ ނޮވެމްބަރ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގައި ކޮވިޑް-19 ވެކްސިނެއް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު