ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުން އިތުރު 236 މީހަކު މި ބަލި ޖެހިގެން ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5،149 އަށް އަރާފައެވެ.

މީގެ ކުރިން އެގައުމުން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން ފައްސިވެފައިވަނީ 178 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހުނު 319،205 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 20،156 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސި ވެފައިވާ މީހުންނެވެ.

ޕޮލޭންޑުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 129،267 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 184،789 މީހަކަށެވެ. އޭގެ ތެރެއިންވެސް 1،203 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަން ހާމަ ކޮށްފައެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މި ބައްޔަށް މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 44 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދި ވަނީ މިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 އަށް ސީދާ އަދި ފަރުވާއެއް އަދި ހޯދިފައި ނުވި ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ މި ބައްޔާއި ހަނގުރާމަ ކުރުމަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެންމެ ކުރީގައި އުޅޭނީ ރަޝިއާއިން ކަން ފާހަގަ ކޮށްލެވެއެވެ.