އިންޑިއާގެ ޔޫނިއަން މިނިސްޓަރ ސްމިރިތީ އިރާނީ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސްމިރިތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އޭނާ އާއި ގާތުން ބައްދަލުވި ފަރާތްތައް އަވަހަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އުމުރުން 41 އަހަރުގެ ސްމިރިތީ ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ ބިހާރުގެ ސަރަހައްދީ އިންތިޚާބަށް ވަރަށް ވަރުގަދަ އަށް ކެމްޕޭން ކުރަމުން ގެންދަނިކޮށެވެ. ސްމިރިތީ އިންސްޓަގްރާމްގައި މީމެއް ޝެއާ ކުރެއްވުމަށް ފަހު ވިދާޅުވީ ކޮވިޑް-19 އޭނާ އާއި ހަނގުރާމަ ކުރާނަމަ އޭނާ ވެސް ކޮވިޑް-19 އާއި ހަނގުރާމަ ކުރާނެ ކަމަށެވެ.

ސްމިރިތީ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާ އަދި އޮންނެވީ ގޭގައެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ވަރަށް ސްމިރިތީގެ ހާލު ގޯހެއް ނުވެއެވެ.

އިންޑިއާގެ ބައެއް މިނިސްޓަރުން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ އަމްރިތު ޝާހް އާއި ޓްރާންސްޕޯޓް މިނިސްޓަރ ނިޓިން ގަދްކަރީ އާއި ޕެޓްރޯލިއަމް މިނިސްޓަރ ދަރުމެންދްރަ ޕަރާދަން ހިމެނެއެވެ.

އިންޑިއާ އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 8,070,589 އަށް އަރައެވެ. އޭގެ ތެރެއިން 120,899 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފްތާއަށް ފަހު އެގައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިންގް

    ބަންދަރިޔާ ...،🐒

  2. ޖީތޫ

    ތުލްސީ ވިރާނީ