ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އެމެރިކާއިން އަލަށް 91,530 މީހަކު ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން ކޮވިޑް-19 ފެނުނު ފަހުންވެސް މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އެމެރިކާއިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވުމުން އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 9,212,767 އަށް އަރާފައެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކެލެފޯނިއާ އާއި ޓެކްސަސް އާއި ފްލޮރިޑާ އާއި ނިއުޔޯކުގެ އިތުރުން ޖޯޖިއާ އާއި އިލިނޮއިސް އަދި އެރިޒޯނާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ޓެކްސަސް އިން މިހާތަނަށް ބަލީގެ 942,486 ވޭދަނަ ފެންމަތިވެފައި ވެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާގެ 22 ސްޓޭޓެއް އެބަ އޮތެވެ. އަދި އެންމެ މަދުން މި ބަލީގެ ވޭދަނަތައް ފެންމަތިވި ސްޓޭޓުން ވެސް 2000 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ގެ ވޭދަނަތައް އެމެރިކާގައި އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެޤައުމުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 234,177 އަށް އަރާފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. މިގޮތުން މިވަގުތު އެޤައުމުގައި 16,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 5.9 މީހެކެވެ. އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ ޖުމްލަ 2.9 މީހަކަށެވެ.

331 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 45 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާއިން އިއްޔެ ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އަރާފައި ވާއިރު، އިއްޔެ މުޅި ދުނިޔެއިން ވެސް ރެކޯޑް އަދަދަކަށް މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އިދާރާތަކުން ހާމަކުރާގޮތުން އިއްޔެ އެކަނިވެސް ދުނިޔެއިން އިތުރު 545,903 މީހަކު ފައްސިވެފައި ވެއެވެ. މިއީ ޖެހިޖެހިގެން ދުނިޔެއިން ރެކޯޑް މިންވަރަކަށް ފައްސި ވޭދަނަ ފެންމަތިވި ދެވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު