ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާ މިވަގުތު ދުނިޔެއިން އެންމެ ބޮޑު އެމެރިކާއިން އަންނަ އަހަރުގެ ކުރީކޮޅު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ހަތަރުލައްކައަށް އަރާނެ ކަމަށް ބެލެވިއްޖެ އެވެ.

މިކަން ހާމަވެފައި ވަނީ އެމެރިކާގެ ވޮޝިންޓަން ސްކޫލް އޮފް މެޑިސިންގެ ދަށުން ހިންގާ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން އިން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ. އެ ދިރާސާ އިން ދައްކާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާއިން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އުޅޭނީ ދެހާހުން މަތީގައެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވިފައި ވާއިރު، މިހާރުވެސް ދުވާލެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު އާންމު ގޮތެއްގައި އުޅެނީ އެއްހާހަށްވުރެ މަތީގައެވެ.

އިއްޔެ އެކަނިވެސް އެޤައުމުން 1,047 މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 234,177 ގައެވެ.

ދުނިޔެއިން މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއިން މިދިޔަ ހަފްތާގައި މަރުވި މީހުންގެ އަދަދު ވަނީ، ކުރިޔާއި އަޅާބަލާއިރު 15000 އަށްވުރެ އިތުރުވެފައެވެ.

އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަންގެ ދިރާސާވެރިން ލަފާކުރާ ގޮތުން އެމެރިކާގެ ހާލަތު މިހާރު ހުރި ގޮތުން، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް މަރުވާ މީހުންގެ އަދަދު 399,000 އާއި ބައި މިލިއަނާއި ދެމެދުގެ އަދަދަކަށް އަރާނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިހާރު އެމެރިކާއަށް އަރަމުން ދަނީ ތިންވަނަ ރާޅެވެ. މީގެ ކުރިން އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މިދިޔަ ޖޫން މަހުގެ ފަހުކޮޅާއި އޮގަސްޓު މަހާއި ދެމެދުގައެވެ. އެއަށްފަހު ސެޕްޓެމްބަރު މަހު ނުރައްކާ ކުޑަވާން ފަށާފައި ވަނިކޮށް މި ހިނގާ އޮކްޓޫބަރުން ފެށިގެން ވަނީ ކުރިޔަށްވުރެ ހާލަތު ގޯސް ވެފައެވެ.

އިއްޔެވެސް އެމެރިކާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ގޮތުން އެޤައުމުން އިއްޔެ އެކަނިވެސް 90 ހާހަށްވުރެ ގިނަ މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 9.2 މިލިއަން މީހަކަށް ވަނީ ބަލި ޖެހިފައެވެ.

އެޤައުމަކީ ދުނިޔެއިން މިވަގުތު އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ވެސް ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ނުރައްކާ އެބައޮތެވެ.

މިހާތަނަށް އެމެރިކާއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ނިއުޔޯކުންނެވެ. ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެ ސްޓޭޓުން އެކަނިވެސް ޖުމްލަ 33,643 މީހަކު ވަނީ މަރުވެފައެވެ. ނިއުޔޯކުގެ އިތުރުން އެންމެ ގިނަ ބަޔަކު މަރުވި ސްޓޭޓް ތަކުގެ ތެރޭގައި ޓެކްސަސް އާއި ކެލެފޯނިއާ އާއި ފްލޮރިޑާގެ އިތުރުން ނިއުޖާޒީ ހިމެނެއެވެ.

އެމެރިކާގައި މިވަގުތު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޓެކްސަސް އާއި ކެލެފޯނިއާ އާއި ފްލޮރިޑާގެ އިތުރުން ނިއުޔޯކު ހިމެނެއެވެ. މިއިން ކޮންމެ ސަރަޙައްދަކުން ފައްސިވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ އިތުރެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޓެކްސަސް އިން މިހާތަނަށް 942,000 ފައްސި ވޭދަނަ ފެންމަތިވެފައި ވެއެވެ.

331 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 45 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު