ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފުރަތަމަ ފެނުނު ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ކެންސަލް ކުރަމުން ގެންދިޔަ ނަމަވެސް ވޫހާން މިހާރު މުޅިން ތަފާތެވެ. ކޮވިޑް-19 ވޫހާންގައި ފެތުރިގެން ދިއުމުގެ ބިރެއް މިވަގުތު އެސިޓީއަކަށް ނެތެވެ.

ވޫހާންގެ ގިނަ އަދަދެއްގެ އާއްމުން މަގުތަކަށް ނިކުމެ މިވަނީ "ހެލޮވީން" ވެސް ފާހަގަ ކޮށްފައެވެ. އެތައް ހާސް ބަޔަކު އެމީހުން ޝައުގުވެރިވާ ކެރެކްޓާތަކުގެ ހެދުން އަޅައިގެން މަގުތަކަށް އުފާ ފާޅުކުރަމުން ގެންދާއިރު މިއީ ޗައިނާ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމަކުން މިއަހަރު ފެނުނު މަންޒަރެއް ނޫނެވެ.

ވޫހާންގެ މަގުތަކަށް ނިކުތް މީހުންގެ ތެރެއިން ބައެއް މީހުން މާސްކް އަޅައިގެން ތިބި ނަމަވެސް ޔަގީނުން ވެސް އެއްވެސް މީހަކު ގައިދުރުކަން ބެހެއްޓުން ފަދަ ކޮވިޑް-19 އިން ރައްކާތެރި ވުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މެދު ވިސްނާލާފައެއް ނުވެއެވެ. މެއި މަހުގެ ފަހުން ވޫހާންގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނިފައެއް ނުވެއެވެ.

ކޮވިޑް-19 ވޫހާން އިން ފުރަތަމަ ފެނުމާއި އެކު ޗައިނާގެ ސައިންސްވެރިން ވަނީ ވޫހާން އާއި ވޫހާން ހިމެނޭ ހުބެއީ ޕްރޮވިންސް ފުރަބަންދު ކޮށްފައެވެ. އޭރު އަދި ކޮވިޑް-19 ފެތުރެމުންދާ ގޮތް ވެސް ސައިންސްވެރިންނަށް މުޅިން ކަށަވަރެއް ނުވެއެވެ. ފަހުން ދުނިޔޭގެ އެންމެ ތަޖުރިބާކާރު ސައިންސްވެރިން ވެސް ބުނެފައި ވަނީ ވޫހާން އާއި ހުބެއީ ފުރަބަންދު ކުރުން ޗައިނާ ސަރުކާރުން އަވަސް ނުކުރި ނަމަވެސް މިހާރަށްވުރެ ހާލަތު އެތައް ގުނައެއް ގޯސްވެ، މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވީސް ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާ އިން ގެންގުޅޭ ކާމިޔާބު ސިޔާސަތައް މުޅި ދުނިޔޭގެ ތައުރީފް ވަނީ ލިބިފައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ނިންމާ ފަދަ ނިންމުންތަކެއް ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކަށް ނިންމިފައި ނުވާތީ އެގައުމުތަކުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު