އެމެރިކާގެ ސްޓޭޓެއްކަމަށްވާ އޮރެގަންގެ ޖަންގައްޔެއްގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިއަކަށްވި ކުޑަ ކުއްޖަކު ބޮޑު ޢަދަކުން ޖޫރިމަނާކޮށްފިއެވެ.

މި ހާދިސާ އާއި ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވަނީ، ޢާންމުންގެ ގެދޮރަށް ގެއްލުން ދިންކަމުގެ ދަޢުވާއާއި ގުޅިގެންނެވެ. އޮރެގަންގެ ޖަންގަލީގައި ރޯވީ، އެ ފިރިހެން ކުއްޖާ ޖަންގަލިތެރޭގައި ހަވާ އަރުވަން އުޅެނިކޮށް، އެތަނުގައި ހިކިފައިހުރި ވިނަތަކެއްގައި އަލިފާން ރޯވުމުންނެވެ.

އުމުރުން 15 އަހަރުގެ އެކުއްޖާ ކޯޓުގައި ހާދިސާ ހިނގައިދިޔަގޮތް ކިޔައިދީފައިވާއިރު، އޭނާ ވަނީ އަލިފާން ރޯވެ އަނދައި އަޅިއަށްވެގެންދިޔަ ގެތަކުގައި ދިރިއުޅެމުންދިޔަ 150 އަށްވުރެ ގިނަ ޢާއިލާއަށް މަޢާފަށް އެދި ސިޓީ ފޮނުވާފައެވެ.

ކޯޓުން އޭނާ ޖޫރިމަނާ ކުރުމަށް ނިންމާފައިވީނަމަވެސް، ޖޫރިމަނާ ކުރާ ވަކި ޢަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އޭނާ ކުރި ކަމެއްގެ ސަބަބުން، އަލިފާނުގެ ހާދިސާ ހިނގައި ގެއްލުންވި އަވަށަށް 37 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާތީ އެ ގެއްލުމުގެ ބަދަލު އަނބުރާ ހޯދުމަށް އެދި އެގާރަ ފަރާތަކުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޮރެގަންގެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އެ ސަރަޙައްދުގައި އޮންނަ އަވަށެއްގެ 75 ސްކުއަރ މޭލުގެ ސަރަޙައްދެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. މި ހާދިސާގައި ބައެއް މީހުނަށް އަނިޔާވެސް ވެފައި ވެއެވެ.