ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމްދީނާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނާއި ފްރާންސްގެ ނޫހަކުން ކީރިތި ރަސޫލާ ސިފަކޮށް ކާޓޫން ކުރެހުމުން އެކަން ކުށްވެރިކުރަން އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ފްރާންސްގެ އެމްބަސީ ކައިރީގައި މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

މުޒާހަރަކުރި މީހުން ވަނީ "ދުނިޔޭގައި ހުރި އެންމެ ބޮޑު ޓެރަރިސްޓަކީ މެކްރޯން" ކަމަށް ބުނެ އަޑުއުފުލާފައެވެ. އަދި ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށާއި ކީރިތި ރަސޫލާއަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ދައްކާ ވާހަކަތައް ބަލައި ނުގަންނާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވެއެވެ.

ލަންޑަންގެ ފުލުހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ފްރާންސްގެ އެމްބަސީ ކައިރިއަށް އެއްވި މީހުން ދުރުކޮށް މިހާރު މުޒާހަރާ ރޫޅާލާފައިވާ ކަމަށާއި މުޒާހަރާ އިން ތިން މީހަކު ހައްޔަރު ކުރިކަމަށެވެ. އޭގެ ތެރެއިން ދެމީހަކު ހައްޔަރު ކުރީ ކޮވިޑް-19 އާއި ގުޅިގެން އަމަލު ކުރަމުން އަންނަ އުސޫލާއި ހިލާފުވުމުން ކަމަށާއި ތިން ވަނަ މީހާ ހައްޔަރު ކުރީ ހަވާ އެރުވުމުން ކަމަށް ފުލުހުން ބުންޏެވެ.

އެތިން މީހުންގެ އިތުރުން އިތުރު 13 މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް އެމީހުން ހައްޔަރުނުކޮށް ފަހުން ވަނީ ދޫކޮށްލާފައެވެ.

ފްރާންސާއި ދެކޮޅަށް ގިނަ ގައުމުތަކެއްގައި މިހާރު އަޑުއުފުލަމުން ގެންދަނީ މީގެ ތިން ހަފްތާ ކުރިން ފްރާންސްގެ ނޫހަކުން ކީރިތި ރަސޫލާގެ ކާޓޫންތަކެއް ކުރެހުމުންނެވެ. މައްސަލަ އިތުރަށް ގޯސްވީ ކީރިތި ރަސޫލާ އަށް ކާޓޫން ކުރެހުން އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި އިސްލާމްދީނަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވުމުންނެވެ.

މިއަދު އިސްލާމީ ގިނަ ގައުމުތަކުގައި ހުކުރު ނަމާދަށްފަހު ވަނީ ފްރާންސާއި ދެކޮޅަށް އަޑުއުފުލާފައެވެ. މިއަދު ފްރާންސާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވި ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، ތުރުކީވިލާތް އަދި އިރާޤު ހިމެނެއެވެ.