އިޓަލީ އާއި ސްޕޭނުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ސްޕޭނުން ވަނީ 25595 މީހަކު ކޮވިޑް-19 އަށް ފައްސިވެ 239 މީހަކު މަރުވެފައެވެ. ސްޕޭނުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1,264,517 އަށް އަރައެވެ. މިއަދު އިޓަލީން ވަނީ 31084 މީހަކު ކޮވިޑް-19 އަށް ފައްސިވެ 199 މީހަކު މަރުވެފައެވެ. މިހާތަނަށް 647674 މީހަކު ވަނީ އިޓަލީން ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދަކީ ސްޕޭނާއި އިޓަލީން ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ސްޕޭންގެ ގިނަ ރީޖަންތަކުގެ ބޯޑަރުތައް މިހާރު ވަނީ ބަންދު ކޮށްފައެވެ. އެހެންކަމުން ސްޕޭންގެ އެތެރޭގައި ވެސް އެއް ރީޖަން އިން އަނެއް ރީޖަންއަށް ދަތުރު ކުރުމުގައި މިހާރު ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫން ގޮތަކަށް މިހާރު އެއް ރީޖަން އިން އަނެއް ރީޖަނަށް ދަތުރެއް ނުކުރެވެއެވެ.

ފާއިތުވި 15 ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ސްޕޭންގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ %71 އިތުރު ވެފައެވެ.

އިޓަލީގެ 11 ރީޖަންއެއް ގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެސަރަހައްދުތައް މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ރީޖަނެއްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެއެވެ. އިޓަލީގެ ހާލަތު އިތުރަށް ގޯސްވަމުން ދާނަމަ މުޅި ގައުމު އަނެއްކާވެސް ފުރަބަންދު ކުރަން ޖެހިދާނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިޓަލީ އާއި ސްޕޭނަކީ ވެސް މީގެ ކުރިން ކޮވިޑް-19 ފެތުރި އެންމެ ނުރައްކާތެރި ހާލަތައް ދިޔަ ދެގައުމެވެ. އެދެގައުމު ފުރަބަންދުކޮށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް ފަހުން ދިން ލުއިތަކުގެ ސަބަބުން ކުރިއަށްވުރެ ގިނަ މީހުން މިހާރު ދަނީ ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު