ފްރާންސްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ހިންގަމުންދާ ހައްދުފަހަނައަޅާފައިވާ އަމަލުތައް އެފްރިކާގެ ޤައުމުތަކުންވެސް ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން އެފްރިކާގެ މުސްލިމް ޖަމިއްޔާ ޖަމާޢަތްތަކުން ބުނެފައިވަނީ، މުސްލިމުންނަށް ހަޖޫ ޖަހައި އިސްލާމް ދީނަށް ފުރައްސާރަކޮށް ފްރާންސްގައި ކުރެހުންތައް އާންމުކޮށް، މުސްލިމުންނާއި ގުޅޭގޮތުން ފްރާންސްގެ ވެރިން ވާހަކަ ދައްކަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަސޫލާ (ސ.އ.ވ) އަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނާ ބުނުމަކީ ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މީހުންގެ ހައްދުފަހަނައެޅި އަމަލެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ފްރާންސްގެ ވެރިން ފަހަތުގައި ތިބެގެން އެޤައުމުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ދެކުނު އެފްރިކާގެ ނޭޝަނަލް އަޤަފް ފައުންޑޭޝަނުން ބުނެފައިވަނީ، މުޅި މުސްލިމް އުންމަތާއި ދެކޮޅަށް ފްރާންސުން ތެދުވުމަކީ ދުނިޔޭގެ މަޝްރަހަށްވެސް އެކަމުން އަސަރުކުރާނެ ކަމެއް ކަމަށެވެ. ހަމަ އެހެންމެ ފްރާންސްގައި ދާދިފަހުން ޓީޗަރަކު މަރާލި ހާދިސާއަކީ "އިސްލާމިކް ޓެރެރިޒަމް" ގެ އަމަލެއް ކަމަށް އެޤައުމުގެ ރައީސް އެމަނުއެލް މެކްރޯން ބުނި ބުނުމަކީ ހުރިހާ މުސްލިމުންނަށް ދިން ބަހުގެ ހަމަލާއެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ފްރާންސްގެ އަމަލުތައް ކުށްވެރިކޮށް ދެކުނު އެފްރިކާގެ ޖަމިއްޔާތަކުގެ އިތުރުން ސޯމާލިއާ އިންވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އެޤައުމުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މުސްލިމުންނާއި ދެކޮޅަށް ފްރާންސުގައި ހިންގަމުންދާ އަނިޔާވެރިކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި، މިއީ ދުނިޔޭގެ ހަމަޖެހުން ގެއްލިދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން މުސްލިމް ގިނަ ޤައުމުތަކުންނާއި ޖަމާޢަތްތަކުން ދައްކަމުންދާ ވާހަކަތަކާއި މެދު ފިކުރުކޮށް، ފްރާންސްގައި މުސްލިމުންނާއި ދެކޮޅަށް ކުރަމުންދާ ކަންކަން ވަގުތުން ހުއްޓާލުމަށް ސޯމާލިއާއިން ވަނީ ގޮވާލާފައެވެ.

ސޯމާލިއާއިން ފްރާންސްގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކޮށްފައި ވާއިރު، އެޤައުމުގެ ވެރިކަންކުރާ މޮގަދިޝޫގައި ފްރާންސްގެ ރައީސް އާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މުޒާހަރާވެސް ކޮށްފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ފްރާންސްގައި އުޅޭ މުސްލިމުންނަށް އެޤައުމުގެ އިދާރާތަކާއި ވެރިން ފަހަތުގައި ތިބެގެން އަންނަނީ ދުއްތުރާތައް ކުރިމަތިކުރަމުންނެވެ. މިގޮތުން ގިނަ އަދަދެއްގެ މިސްކިތްތައް ބަންދުކޮށް، ފްރާންސްގައި ހިންގާ އެންމެ ބޮޑު މުސްލިމް ޖަމިއްޔާވެސް ވަނީ އުވާލާފައެވެ.

ފްރާންސްގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިސްލާމީ ބޮޑެތި ޤައުމުތަކުން އަޑުއުފުލަމުން އަންނައިރު ބޮޑެތި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކޮށް، ވިއްކުން ހުއްޓާލާފައެވެ.