އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދު ފެށިފައިވާ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެއްބަސްވެ ދެޤައުމުގެ އިސް އޮފިޝަލުން ސްވިޒަލޭންޑުގެ ޖެނީވާގައި ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.

މި ބައްދަލުވުމަށް އަރުމޭނިއާ އާއި އަޒަރުބައިޖާނުގެ ހާރިޖީ ވަޒީރުން މިހާރު ޖެނީވާއަށް ވަޑައިގެން އުޅުއްވާއިރު، ދެޤައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާނުގެ ސުލްޙައިގެ މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމުގައި ފްރާންސާއި ރަޝިޔާ އާއި އެމެރިކާ އިން ބައިވެރިވާނެއެވެ. ދެޤައުމުގެ އިސް ބޭފުޅުން ޖެނީވާ ބައްދަލުވުމަށް ވަޑައިގެންފައި މިވަނީ، ހަނގުރާމަ ފެށި މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާނުގެ ހަނގުރާމަ ފެށުމާއެކު ތުރުކީން ވަނީ އަޒަރުބައިޖާނަށް އެހީތެރިވާނެކަން ހާމަކޮށްފައެވެ. މި ހަނގުރާމައިގެ ތެރެޔަށް އިތުރު ޤައުމަކުން ވަނުމަކީ ދާޚިލީ ބޮޑު ހަމަނުޖެހުމެއް ފެށިދާނެ ކަމެއްކަމަށް ހުޅަނގުގެ ޤައުމުތަކުން ބުނެއެވެ. އެހެންކަމުން އަޒަރުބައިޖާނާއި އަރުމޭނިއާއިން ސުލްޙަ ވުމަކީ މި ދަނޑިވަޅުގައި ކޮންމެހެންވެސް މުޙިންމު ކަމެއް ކަމަށް ޤައުމުތަކުން ވަނީ ބުނެފައެވެ.

ތުރުކީގެ އިތުރުން އީރާނުން ވެސް ވަނީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަށް ފައުޖުތައް ޖަމާކޮށްފައެވެ. ދެޤައުމާއިވެސް ސަރަޙައްދީ އިމުން ގުޅިފައި އޮންނަ އީރާނުގެ ފައުޖުތައް މި ސަރަޙައްދަށް ފޮނުވާފައި ވަނީ، ހަނގުރާމައިގެ ތެރެއިން އީރާނުގެ އަވަށްތަކަށްވެސް ހަމަލާތައް އަމާޒުވަމުންދާތީ އެކަން ހުއްޓުވުމަށެވެ.

އަޒަރުބައިޖާނާއި އަރުމޭނިއާ އާއި ދެމެދު ހަނގުރާމައެއް ފެނިފައިވަނީ ދެޤައުމު ގުޅޭ ސަރަޙައްދުގައި އޮންނަ އަޒަރުބައިޖާނުގެ ނަގޮރްނޯ-ކަރަބަކްގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. މި ސަރަޙައްދަށް އަރުމޭނިއާ ސިފައިން އަރާފައި ވަނީ މިއީ އެޤައުމުގެ ސަރަޙައްދެއް ކަމަށް ބުނެއެވެ. މިގޮތުން އެންމެ ފުރަތަމަ ހަމަލާދޭން ފެށީވެސް އަރުމޭނިއާއިންނެވެ.

އަޒަރުބައިޖާނާއި އަރުމޭނިއާގެ ބިމުގެ މައްސަލަ އަކީ ހައްލުނުވެ ދުނިޔޭގައި އޮތް މިފަދަ އެންމެ ގިނަ ދުވަސްވީ މައްސަލައެވެ. މިދެގައުމުން ބިމުގެ މައްސަލައިގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެއެވެ. ނަމަވެސް މިފަހަރު ފަށައިގެން އުޅޭ ހަނގުރަމައަކީ ފަހަކަށް އައިސް ކުރިއަށްދާ އެންމެ ގެއްލުންބޮޑު ކުރިމަތިލުމެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ނަސާރާއިންނެވެ.