ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ ދުނިޔެއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 573,616 އަށް އަރައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވީކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއެކު މިހާރު ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 45.8 މިލިއަންގައެވެ. އިއްޔެގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު އާއި ބުދަ ދުވަހުވެސް ދުނިޔެއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. އެހެންކަމުން މިއީ ޖެހިޖެހިގެން ދުނިޔެއިން ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އެރި ތިންވަނަ ދުވަހެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައި މިވަނީ ބައެއް ޤައުމުތަކަށް މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއް އަރަމުންދާ ދަނޑިވަޅެއްގައެވެ. ސިއްޙީ މާހިރުން ވިދާޅުވާ ގޮތުން މި ބަލިމަޑުކަމުގެ ދެވަނަ ރާޅުގެ ނުރައްކާ، ފުރަތަމަ ރާޅަށްވުރެ ބޮޑުވާނެއެވެ. ޤައުމުތަކުގެ ހާލަތު ގޯސްވާން ފެށީ މި ބަލިމަޑުކަމުގެ ކުރީކޮޅު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލަން ފެށިތަނާހެންނެވެ.

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް 9.3 މިލިއަން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި ދެވަނައަށް އެންމެގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައި އޮތް އިންޑިއާއިން މިހާތަނަށް 8.1 މިލިއަން މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. މީގެ އިތުރުން 5.5 މިލިއަން މީހުން ފައްސިވެ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ ބްރެޒިލް އެވެ.

ކޮވިޑް-19 އަށް އިއްޔެ ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ ވެސް ޤައުމުތަކުން 7400 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.19 މިލިއަނަށް އަރާފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި ވަނިކޮށް އަނެއްކާވެސް ނުރައްކާ ބޮޑުވާން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މިއާއެކު ބައެއް ޤައުމުތަކުގެ ހާލަތުވަނީ ކުރިޔަށްވުރެ ގޯސްވެފައެވެ. މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އިންޑިއާ އާއި ޔޫރަޕްގެ ޤައުމުތަކަށެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 33 މިލިއަން މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު ފަރުވާދެމުން ދަނީ 11 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 83,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަތަކުގައި މި ބަލީގައި ދުނިޔެއިން މަރުވާ މީހުންގެ އަދަދުތައް ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ނުރައްކާ އެބައޮތެވެ.

އިދާރާތަކުން ބުނާގޮތުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު، ރެކޯޑްތަކުން ދައްކާ އަދަދުތަކަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެއެވެ. އަދި ހީވެސް ނުކުރާ މިންވަރަށް ބައެއް ޤައުމުތަކުގައި ބަލި ފެތުރިފައި ވެދާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ. އެހެންކަމުން މި ނުރައްކާތެރި ހާލަތުން އަރައިގަނެވި، ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓޭނީ ބަލިމަޑުކަމަށް ވެކްސިނެއް ބޭނުންކުރަން ފެށުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އެބަދެއެވެ. ނަމަވެސް މަރުޙަލާތައް ފުރިހަމަވެފައިވާ ވެކްސިނެއް އަދި ނެތެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުން، ހުރިހާ މަރުޙަލާތަކަށްފަހު މި ބައްޔަށް ވެކްސިނެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ނުރައްކާތެރި ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް މި ވައިރަހުގެ ނުރައްކާ ކުރިމަތިވެ، ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިނުވާ ވަރުގެ ބޮޑު މުސީބާތަކަށް މި ބަލިމަޑުކަން ވަނީ ވެގެން ގޮސްފައެވެ.

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުން މިވަގުތު ބަލި ފެތުރުމަށްފަހު ބަލީގެ ވޭދަނަ (ކޭސް) އެއް ނެތީ މީގެ ތެރެއިން އެންމެ 9 ޤައުމު ނުވަތަ ސަރަޙައްދުގައެވެ. މީގެ ކުރިން ބައެއް ޤައުމުތަކުން ފައްސިވި އެންމެން ރަނގަޅުވެފައި ވަނިކޮށްވެސް އަލުން ބަލި ފެތުރި ކުރިޔަށްވުރެ ނުރައްކާ ބޮޑުވެފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު