ތުރުކީ އާއި ގްރީސް އަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

ތުރުކީ އާއި ގްރީސް އަށް އައި ބިންހެލުމަކީ 7.0 މެގްނެޓިއުޑްގެ ބާރު މިނުގައި އައިސްފައިވާ ބިންހެލުމެކެވެ. ތުރުކީ އާއި ގްރީސްއާ ދެމެދުގައި އޮންނަ އޭގަން ސީ އަށް އައި ބިންހެލުމުގައި ދެ ގައުމަށް ވެސް ގެއްލުންތަކެއް ވަނީ ވެފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދެ ގައުމަށް އަރާފައިވާ ސުނާމީގައި މިހާތަނަށް 26 މީހަކު މަރުވެ، 800 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. އޭގެ ތެރެއިން ފަސް މީހަކު އޮޕަރޭޝަން ކުރަން ޖެހޭ ކަމަށާއި އަށް މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ތުރުކީގެ ހުޅަނގު ސަރަހައްދަށް އެރި މި ސުނާމީގައި 24 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. މި ދެ ކުދިން މަރުވެފައިވަނީ ފާރެއްގެ ދަށު ވެގެން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ތުރުކީއަށް ބަލާ އިރު، 20 ވަރަކަށް އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އަދި ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް އިމާރާތްތަކުގެ ދަށުވިއެވެ. އެހެން ކަމުން މީހުން ތިބެދާނެ ކަމަށް ބެލެވޭތީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ތުރުކީ އާއި ގްރީސްއަށް އަރާފައިވާ ސުނާމީގެ ސަބަބުން ލިބުނު ގެއްލުން ފޫބުއްދުމަށާއި މީހުން ހޯދުމުގައި ގިނަ ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ މީހުން މިހާރު ނަފްރަތް ކުރާ ފްރާންސް ވެސް އަންނަނީ އެ ގައުމުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.