ތުރުކީވިލާތާއި ގްރީސް ކައިރިން ކަނޑުގެ އަޑިއަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން ސުންނާފަތިވި ތުރުކީވިލާތުގެ އިމާރާތެއްގެ ދަށުން އަންހެނަކާއި އޭނާގެ ތިން ދަރިން މިއަދު ދިރިތިއްބާ ސަލާމަތް ކޮށްފިއެވެ.

ތުރުކީވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ބިންހެލުން އައިތާ ގާތްގަނޑަކަށް 23 ގަޑިއިރު ފަހުން އިމާރާތުގެ ދަށުން ސަލާމަތްކުރި ހަތަރު މައިންގެ ހާލު ވެސް ރަނގަޅެވެ. އެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމަށް ތުރުކީވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ސުންނާފަތިވި އިމާރާތްތަކުގެ ދަށުން މިއަދު ވަނީ ދިރިތިއްބާ 14 މީހަކު ސަލާމަތް ކޮށްފައެވެ. މިއަދު ސަލާމަތް ކުރި މީހުންގެ ތެރޭގައި 53 އަހަރުގެ އަންހެނަކާއި 50 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. އެމީހުން ސަލާމަތް ކުރީ ބިންހެލުން އައިތާ ގާތްގަނޑަކަށް 17 ގަޑިއިރު ފަހުންނެވެ.

ބިންހެލުމުގެ ސަބަބުންނާއި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37 އަށް އަރާފައެވެ. ބިންހެލުމުގެ ސަބަބުން ތުރުކީވިލާތުން ޒަހަމްވި މީހުންގެ އަދަދު 800 އަށްވުރެ ގިނަ ކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވި 343 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އިމާރާތްތަކުގެ ދަށުން އަދިވެސް ދިރިތިއްބި މީހުން ފެންނާނެ ކަމަށް ބެލެވެއެވެ.

އެއިޖިއަން ސީ އަށް އިއްޔެ ބިންހެލުން އައިކަމަށް ފުރަތަމަ ރެކޯޑް ކުރީ 7 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ނަމަވެސް ފަހުން ވަނީ 6.6 މެގްނެޓިއުޑަށް ބިންހެލުމުގެ ބާރުމިން ދަށް ކޮށްފައެވެ. މިއީ މިއަހަރު މިސަރަހައްދަށް އައި އެންމެ ބާރުގަދަ އަދި އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ.