ނައިޖީރިއާގައި އެޤައުމުގެ ސްކޫލް ބަހެއް އެކްސިޑެންޓުވެ ހިނގި ނުރައްކާތެރި ހާދިސާގައި ދަރިވަރުން ހިމެނޭހެން 21 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓު ހިނގާފައި ވަނީ ނައިޖީރިޔާގެ އިރުދެކުނު އެނޫގޫ ސްޓޭޓުގެ ހައިވޭއެއްގެ މަތިން ބަސް ދަތުރުކޮށްފައި ދަނިކޮށެވެ. މި ބަސް އެކްސިޑެންޓު ވެފައިވަނީ ސްކޫލް ނިންމާފައި ދަރިވަރުންނާއި ޓީޗަރުން ގޮވައިގެން ދަތުރުކުރަނިކޮށެވެ. މީގެ އިތުރުން އެކްސިޑެންޓު ހިނގި ވަގުތު އޭގައި އާންމުންވެސް ކޮންމެވެސް ވަރަކަށް ތިބި ކަމަށް ނޫސްތައް ބުނެއެވެ.

ހައިވޭމަތިން ދަތުރުކޮށްފައި ދަނިކޮށް ބަސް އެކްސިޑެންޓުވީ މަގުން ކައްސާލައިގެން ދިއުމުގެ ސަބަބުންނެވެ.

ހާދިސާގެ މަޢުލޫމާތު ހާމަކޮށް ނައިޖީރިއާގެ ފެޑެރަލް ރޯޑް ސޭފްޓީ ކޯޕްސްގެ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓުވި ބަހުން ޖުމްލަ 51 މީހަކު ދަތުރުކުރި ކަމަށެވެ. އަދި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ސްކޫލް ޓީޗަރުންނާއި އާންމުންވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި 21 މީހަކު މަރުވުމުގެ އިތުރުން އިތުރު ގިނަ ބަޔަކަށް އެކި ވަރުގެ ޒަޚަމް ލިބިގެން ފަރުވާދެމުންވެސް ދެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް އިދާރާތަކާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެފަރާތްތަކުން ބުނަމުން އަންނަނީ މި ހާދިސާ ހިނގީ ބަސް ދަތުރުކޮށްފައި ދިޔަ މަގުގެ ފެންވަރު ދަށްވުމުން ކަމަށެވެ.