ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ނެރެމުން އަންނަ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވީ 1,200,403 މީހުންނެވެ.

އަދި މި ބަލި އެކިއެކި ގައުމުތަކުން 46 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވީ 33 މިލިއަނަށް ވުރެ ގިނަ މީހުންނެވެ. މި ބަލީގައި 11 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު 84،000 އަށް ވުރެ ގިނަ މީހުން ތިބީ ސީރިއަސް ހާލަތުގައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވީ އެމެރިކާ އިންނެވެ. އެމެރިކާ އިން ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ބަލީގައި މަރުވި އިރު ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު މަރުވީ ބްރެޒިލުންނެވެ. އެއީ ލައްކައަކަށް ވުރެ ގިނަ މީހުންނެވެ. އަދި ތިން ވަނައިގައި އިންޑިއާ އޮތީ ވެސް ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެގެންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން އިއްޔެ އެކަނި ވެސް ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އެކަމަކު މި ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިއާ ބަލާފައި އާދަޔާ ހިލާފަށް މަދެވެ. އިއްޔެ މި ބަލީގައި މަރުވެފައި ވަނީ 6،488 މީހުންނެވެ.

ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް މިހާރު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލްގެ އިތުރުން ރަޝިއާ އާއި ފްރާންސާއި އިނގިރޭސި ވިލާތް، ޖަރުމަނު، އިޓަލީ އަދި ބެލްޖިއަމް ފަދަ ގައުމުތައް ހިމެނެއެވެ.