އޮސްޓްރޭލިއާގައި މުޖުތަމައު ތެރެއިން ކޮވިޑް-19ގެ ވޭދަނައެއް ނުފެންނަތާ 5 މަސް ދުވަސް ވެއްޖެ ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

އެގައުމުން ހާމަ ކޮށްފައިވާ ގޮތުގައި އެންމެ ފަހުން މުޖުތަމައު ތެރެއިން ބަލީގެ ވޭދަނައެއް ފެނިފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެއްވެސް ކަހަލަ ވޭދަނައެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެގައުމުގެ މުޖުތަމައު ތެރެއިން ބަލީގެ ވޭދަނައެއް ފެނިފައި ނުވާތީ އެގައުމުގެ ހެލްތް މިނިސްޓަރ ގްރެޖް ހަންޓް ވަނީ އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. އެ ލަނޑުދަނޑި ހާސިލް ކުރެވިފައިވަނީ އެގައުމުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ބޯލެނބުމުންނެވެ.

"އަޅުގަނޑު ޝުކުރު އަދާ ކުރަން ބޭނުމީ ކުރީ ސަފުގައި ހަރަކާތްތެރިވި އެންމެހާ ސިއްހީ އެހީތެރިންނަށާއި ގައުމުގެ ރައްޔިތުންނަށް" ގްރެގް ވިދާޅުވިއެވެ.

އެގައުމުން ބަލި ނުފެންނަތާ ފަސް މަސް ދުވަހާއި ކައިރިވެފައިވާއިރު، އެގައުމުގެ ސިޓީއެއް ކަމަށްވާ މެލްބަން އިންވެސް އަންނަނީ ޖެހި ޖެހިގެން ދެ ވަނަ ދުވަހު މުޖުތަމައު ތެރެއިން ބަލީގެ ވޭދަނައެއް ނުފެންނަ ކަން ފާހަގަ ކޮށްފައެވެ. ފަސް މިލިއަން މީހުން ދިރިއުޅެމުން އަންނަ އެ ސިޓީގެ 112 ދުވަހުގެ ފުރަބަންދު އުވާލިފަހުން ފެނިފައިވަނީ ހަތް ވޭދަނައެވެ.

އަދި ވިކްޓޯރިއާއަށް ބަލާއިރުވެސް ފާއިތުވި ދެ ދުވަހު އެއްވެސް ކަހަލަ ވޭދަނައެއް ފެނިފައެއް ނުވެއެވެ. ވިކްޓޯރިއާއިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އަދަދަކީ 725 އެވެ. އެއީ އެއްދުވަހުގެ ތެރޭގައެވެ.

އޮސްޓްރޭލިއާގެ މުޖުތަމައު ތެރޭގައި ބަލި ނުފެންނަތާ އެހާ ގިނަ ދުވަސް ވުމުން އެގައުމުގެ ރައްޔިތުން ވަނީ "ޑޯނަޓް ޑޭއި" ގެ ނަމުގައި އެކަމުގެ އުފާ ފާޅު ކުރަން ފަށާފައެވެ.

އެގައުމުގެ މުޖުތަމައު ތެރޭގައި ބަލި ނުފެނުނު ނަމަވެސް. އެގައުމަށް އެތެރެވާ ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެއެވެ. މިހާތަނަށް އެގައުމުން 27،595 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭ އެގައުމުން ފައްސިވެފައިވަނީ 5 މީހެކެވެ. އަދި މި ބަލީގައި އެގައުމުން 25،336 މީހުން ރަނގަޅުވެފައިވާއިރު، 907 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.