ގްރީސްއާއި ތުރުކީވިލާތް ހިމެނޭ ސަރަހައްދަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 70 އަހަރުގެ ފިރިހެނަކު ސަލާމަތް ކޮށްފިއެވެ.

އޭނާ ސަލާމަތް ކޮށްފައިވަނީ ބިންހެލުން އައިތާ 34 ގަޑިއިރު ފަހުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 900 ވަރަކަށް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. އަދި 57 މީހަކު މަރުވެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ތުރުކީގެ ހެލްތް މިނިސްޓަރ ފަހްރެތިން ކޮކާ ވިދާޅުވީ، މި ހާދިސާގައި ސަލާމަތް ކޮށްފައިވަނީ އުމުރުން 70 އަހަރުގެ އަހްމަދު ސިތިމް ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ ސަލަމާތް ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތައް އައި ބިންހެލުމުގެ ސަބަބުން އެދެ ސަރަހައްދު ހިމެނޭގޮތަށް ސުނާމީއެއްވެސް ވަނީ އަރާފައެވެ. ސުނާމީގެ ސަބަބުން އަންހެނަކު ގެނބިގެން މަރުވެފައިވާ ކަމަށްވެސް ކޮކާ ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 682 މީހަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލަފައި ވާއިރު، 214 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރެކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި އައި ބިންހެލުމަށްފަހު 850 ފަހަރެއްގެ މަތިން އެކި ވަރުގެ ލޮޅުންތައް އައިސްފާވާ ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ތުރުކީވިލާތުގެ ކުއްލި ނުރައްކާތަކާއި ކާރިސާތަކާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، 40 ލޮޅުމެއްގެ ބާރުމިން ރެކޯޑް ކޮށްފައި ވަނީ، ރެކްޓާ މިންގަނޑުން 4.0 އަށް ވުރެ ބާރު މިނުގައެވެ.