ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވުމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑެރޮސް އަދޮނަމް ކަރަންޓީނުވެ ވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު މިކަން ހާމަކުރައްވަމުން ޓެޑްރޯސް ވިދާޅުވީ، އޭނާ ކޮވިޑް-19 ގެ ކޮންޓެކްޓް އަކަށް ވެފައިވީނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާއި، ހާލުކޮޅު ރަނގަޅު ކަމަށެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި، އޮންނަ އުސޫލާއި އެއްގޮތަށް މިވަގުތު ހުންނެވީ އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގެންކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް އަކީ ކޮވިޑް-19 އާއި ގުޅިގެން ސިއްޙަތު ޖަމިއްޔާއިން ކުރިޔަށްގެންދާ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ތަކުގައި އެންމެ އިސްކޮށް އަދި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާ ކަރަންޓީނަށް ވަޑައިގެންނެވި ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ، ކޮވިޑް-19 ގެ މި ނުރައްކާތެރި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ އުސޫލުތަކަށް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. ބަލީގެ ވަބާއިން ސަލާމަތްވެވެން އޮތް ގޮތަކީ އެއީ ކަމަށް ޓްޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ ނުރައްކާ ބޮޑު އާލަމީ ވަބާއެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނީ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މި ބަލި ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިންނެވެ. އޭގެ ފަހުން މިއަހަރުގެ ކުރީކޮޅު ދުނިޔޭގެ ގިނަ ޤައުމުތަކަށް ހަލުވިކަމާއެކު ވައިރަސް ފެތުރުނެވެ.

މިހާތަނަށް ދުނިޔޭގެ 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވާއިރު، ޖުމްލަ 46 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ، އޭގެތެރެއިން 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިވަގުތު މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އަވައްޓެރި އިންޑިއާ އާއި ޔޫރަޕުގެ ގިނަ ޤައުމުތައް ހިމެނެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މި ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު ވަނީ ރެކޯޑް އަދަދުތަކަށް އަރާފައެވެ.