އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮންނަ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހިޒްބުލް މުޖާހިދީންގެ ލީޑަރު، ސައިފުﷲ މަރާލާފައިވާ ކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުނެފިއެވެ.

އިންޑިއާ ސިފައިން ސައިފުﷲ މަރާލާފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަޝްމީރުގެ ރަންގްރެޓް ސަރަޙައްދުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ކުރިމަތިލުމަށްފަހު އެވެ.

މިކަން ހާމަކޮށް ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް، ވިޖޭ ކުމާރު ވިދާޅުވީ މިއީ އިންޑިއާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސައިފުﷲ މަރާލެވުމަކީ ހިޒްބުލް މުޖާހިދީން ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޒްބުލް މުޖާހިދީން ޖަމާޢަތަކީ އިންޑިއާގެ ކިބައިން ކަޝްމީރު ޙިމާޔަތްކުރުމަށްޓަކައި ހަނގުރާމަކުރާ ޖަމާއަތެކެވެ. އެ ޖަމާޢަތަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ އެންމެ ދުވަސްވީ ޖަމާޢަތްވެސް މެއެވެ.

އެ ޖަމާޢަތުގެ ލީޑަރު ކަމަށް ސައިފުﷲ އައްޔަން ކުރެވުނީ، ކުރިން ލީޑަރުކަމުގައި ހުރި ރިޔާޒް ނައިކޫ މަރާލުމުންނެވެ. ނައިކޫ މަރާލާފައި ވަނީ މިއަހަރުގެ މޭއި މަހުގެ ތެރޭގައެވެ.

ނައިކޫގެ ފަހުން ހިޒްބުލް މުޖާހިދީންގެ ލީޑަރުކަމަށް އައްޔަންކުރެވުނު ސައިފުﷲ މަރާލުމާއި ގުޅިގެން މީސްމީޑިއާގައި އިންޑިއާގެ އިސް ބައެއް ބޭފުޅުންނާއި އާންމުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުން މިއީ އެމީހުންގެ ހިންދޫ ދީނަށްވެސް ލިބުނު ނަސްރެކެވެ.

ބިމުގެ މައްސަލައިގައި ކޯޅުންބޮޑު އިންޑިއާ އާއި ޕާކިސްތާނުން ވެސް ކަޝްމީރުގެ މިލްކުވެރިކަމަށް ދަޢުވާ ކުރެއެވެ. އެތައް އަހަރެއްވެގެން ގޮސްފައިވާ މި ނުތަނަވަސްކަމުގެ ތެރެއިން ތިން ފަހަރެއްގެ މަތީން ދެޤައުމުގެ ދެމެދުގައި ހަނގުރާމަވެސް ކުރެވުނެވެ.

އެންމެ ފަހުން ކަޝްމީރުގެ މަޝްރަހު ހޫނުވެގެން ގޮސްފައި ވަނީ، ކަޝްމީރަށް އިންޑިއާގެ ޤާނޫނުތަކުން ލިބިދޭ ހާއްސަ ބާރުތައް ނިގުޅައިގަތުމުންނެވެ.

އިންޑިއާ ސިފައިން ދޭތެރެ ދޭތެރެއިން ކަޝްމީރުގެ ފާކިސްތާނު ފަޅިއަށް ހަމަލާތައް އަމާޒުކުރަމުން ދެއެވެ. މިގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ކަޝްމީރުގެ އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ހަމަލާދީ ދެ މީހަކު މަރާލި ހާދިސާ ވެސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މިހާތަނަށް ކަޝްމީރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޯލްޑިވިޔަން

  ޓެރަރިސްޓެއް ދޯ

  • Anonymous

   ލާދީނީ މީހަކައް ނުވިސްނޭނެ ކިޔާ ދިނަސް. ޓެރަރިސްޓުންނަކީ ރޭޕިސްތާންގެ މުޝްރިކުން.

 2. Anonymous

  ޔާﷲ އެ އަޚާގެ ޝަހާދަތް ގަބޫލް ކުރައްވައިފާދޭއެވެ.އާމީން