ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު 160,000 އަށް އަރައިފި އެވެ.

އެޤައުމުން މަރުވި މީހުންގެ އަދަދު 160,000 އަށް އަރާފައިވާއިރު އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު އެޤައުމުން ކޮވިޑް-19 ގެ ބަލީގައި މަރުވެފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދީއްތަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ހިމެނޭހެން ބްރެޒިލް އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 160,272 ގައެވެ.

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެޤައުމުން މި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އާދީއްތަ ދުވަހު އިތުރު 10,100 މީހަކު ހިމެނޭހެން ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5,554,206 އަށް އަރާފައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އަދި އެޤައުމަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ބްރެޒިލް އިން ކުރިޔަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 4.9 މިލިއަން މީހުންނެވެ. އަދި 8300 އަށްވުރެ ގިނަ މީހުންނަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

212 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 46 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.