އެމެރިކާގައި އިއްޔެ ކުރިޔަށްދިޔަ އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމާއި މެދު ހިތްހަމަ ނުޖެހިގެން، އިތުރު ސްޓޭޓެއްގެ ވޯޓު ގުނުން ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޓްރަމްޕްގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ޓްރަމްޕްގެ ފަރާތުން މީގެ ކުރިން ވަނީ މިޝިގަން ސްޓޭޓުގެ ވޯޓު ގުނުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދިވެސް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕެންސީލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވަން ކޯޓަށް ދާނެކަން ޓްރަމްޕްގެ ކެމްޕެއިން ޓީމުން ހާމަކޮށްފައި ވާއިރު، އެ ސްޓޭޓުން ލިބުނު ވޯޓުން މިވަގުތު ކުރީގައި އޮތީވެސް ޓްރަމްޕް އެވެ.

މިގޮތުން އެ ސްޓޭޓުގެ 84 އިންސައްތަ ވޯޓު ގުނާ ނިމުނުއިރު އޭނާ އޮތީ އިދިކޮޅު ކެންޑިޑޭޓަށްވުރެ ތިންލައްކައެއްހައި ވޯޓުގެ ތަފާތުން ކުރީގައެވެ.

ޕެންސީލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވަން ކޯޓަށް ދާނެކަން ޓްރަމްޕްގެ ފަރާތުން ހާމަކޮށްފައި މިވަނީ، މިޝިގަންގެ ވޯޓު ގުނުން ހުއްޓުވަން އޭނަ ކޯޓަށް މައްސަލަ ހުށަހެޅުމުން އިދިކޮޅު ކެންޑިޑޭޓް، ބައިޑެންގެ ވަކީލުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނިކޮށެވެ.

ބައިޑެންގެ ވަކީލުން ބުނެފައިވަނީ ކޯޓު މެދުވެރިކޮށް ބައެއް ސްޓޭޓުތަކުގެ ވޯޓު ގުނުން ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ކުރަމުން ދަނީ އެ ސްޓޭޓުތަކުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭނެކަން ޔަޤީންކުރެވޭތީ ކަމަށެވެ.

ޕެންސީލްވޭނިއާ ކާމިޔާބުކުރާ ކެންޑިޑޭޓަކަށް 20 އިލެކްޓޯރިއަލް ވޯޓު ލިބޭނެއެވެ. އެހެންކަމުން މިއީ އިންތިޚާބުގެ ނަތީޖާއަށް ދެން އެންމެ ބޮޑު ބަދަލެއް އަންނާނެ އެއް ސްޓޭޓެވެ.

އަލްޖަޒީރާގެ ޕްރޮޖެކްޝަނަށް ބަލާއިރު މިވަގުތު ބައިޑެންއަށް ލިބިވަޑައިގެންފައި ވަނީ 248 އިލެކްޓޯރިއަލް ވޯޓެވެ. އަދި ޓްރަމްޕް އަށް ލިބިފައި ވަނީ 214 އިލެކްޓޯރިއަލް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 އިލެކްޓޯރިއަލް ވޯޓެވެ.