ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 1623 މީހަކު މަރުވި ކަމަށް ރެކޯޑްކޮށްފި އެވެ.

މިކަން ހާމަކޮށް ސްޕެއިންގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވަނީ އެޤައުމުން އެއްދުވަހެއްގައި މަރުވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު މިހައި ބޮޑަށް އިތުރުވެފައި ވަނީ، ކޮވިޑް-19 ގެ މަރުތައް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.

އެހެންކަމުން އިއްޔެ ސްޕެއިން އިން ރެކޯޑް ކޮށްފައިވާ ކޮވިޑް-19 ގެ މަރުގެ ގިނަ ވޭދަނަތަކަކީ އެޤައުމުގައި ބަލި ފެތުރެން ފެށިފަހުން މިހާތަނަށް ރެކޯޑްނުކުރެވި ހުރި ވޭދަނަތަކެއް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ވިދާޅުވީ އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 297 މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަށެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 38,118 އަށް އަރާފައެވެ.

ސްޕެއިންއަކީ މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. މިގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ފެތުރޭ މިންވަރު ވަނީ ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ސްޕެއިން އިން އިތުރު 25,042 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1.3 މިލިއަންގައެވެ.

ސްޕެއިން އަކީ މިވަގުތު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ސްޕެއިން ހިމެނޭހެން ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގެ ހާލަތު، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، މިހާރު ޔޫރަޕުގެ ޤައުމުތަކަށް އަރަމުން ދަނީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅު ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. މި ރާޅުގެ ނުރައްކާ ފުރަތަމަ ރާޅަށްވުރެ ބޮޑުވާނެ ކަމަށް ސިއްޙި މާހިރުން ވިދާޅުވެއެވެ.

ސްޕެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމުގެ ހާލަތު މިދިޔަ މޭއި މަހުން ފެށިގެން ރަނގަޅުވެފައި އޮތުމަށްފަހު ނުރައްކާ ކުރިޔަށްވުރެ ބޮޑުވާން ފަށާފައި ވަނީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެއާއެކު އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ.

ސްޕެއިން ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 48 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ އޭގެތެރެއިން 1.2 މިލިއަން މީހަކު ވަނީ މަރުވެފައެވެ.