ދުނިޔޭގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް އަރައިފި ކަމަށް އެސިޓީގެ ޗީފް މިނިސްޓަރ އާވިންދް ކެޖްރިވަލް ވިދާޅުވެއްޖެއެވެ.

ދިއްލީގެ ހެލްތް ޑިޕާޓްމެންޓުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެސިޓީން 6،842 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ކުރީ ދުވަހުވެސް އެސިޓީން ވަނީ 6،725 މީހަކު މި ބައްޔަށް ފައްސިވެފައެވެ.

ނިއުދިއްލީގައި މިހާރު ކޮވިޑް-19ގެ ވޭދަނަތައް ތަފްސީލަށް ބަލާއިރު، ޖުމްލަ 409،938 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 37،369 މީހަކަށެވެ.

"ފާއިތުވި މަދު ދުވަސްތެރޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިވަނީ އިތުރުވާން ފަށާފައި. އަޅުގަނޑަށް ބުނެވޭނީ މިއީ ކޮވިޑް-19ގެ ތިން ވަނަ ރާޅެކޭ. އެއީ އޮކްޓޯބަރު މަސް ފެށުނު ބަލީ ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައި. އެގޮތުން 3،000 އަށްވެސް މި އަދަދު ދަށްވި" ދިއްލީގެ ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

216 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އިންޑިއާއަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގޮތުން ބަލާއިރު އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 8 މިިއަނަށްވުރެ ކުރީގައެވެ. އަދި މި ބަލި ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 124،354 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު