އިންސާނެއްގެ ހަށިގަނޑުން ސްވައިން ފުލޫގެ އެހާ އާންމު ނޫން ވައްތަރެއް ކަމަށްވާ H1N2 ފެނިއްޖެ ކަމަށް ކެނެޑާގެ ހެލްތު އޮތޯރިޓީސްއިން ބުނެފިއެވެ.

މި ވޭދަނަ (ކޭސް) ފެނިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ކެނެޑާގެ އަލްބާރޓާއިންނެވެ.

ސިއްހީ މާހިރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި ޖެހުނު މީހާ މިހާރު ވަނީ އެހެން މީހުންނާއި ދުރު ކުރެވިފައި ކަމަށާއި އަދި އަލްބާރޓާގައި އިތުރަށް މި ބަލި ފެތުރިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ މިއީ މި ބާވަތުގެ ފެނުނު އެންމެ ފުރަތަމަ ވޭދަނަ ކަމަށެވެ. އަދި މި މީހާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކައިފައިވަނީ ހުން އައިސްގެން ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ހުން ރަނގަޅު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ މީހާ ރަނގަޅުވި އިރު އެ މީހާގެ ގައިގައި މި ބަލި ހުރި ކަމަށާއި އަދި ބަލި އިތުރަށް ބޮޑުވަމުން ދިޔަކަން ފާހަގައެއް ނުކުރެވޭކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސިއްހީ ފަރާތްތަކުން ދަނީ މި ބަލި ޖެހެން މެދުވެރި ގޮތް ހޯދަމުންނެވެ.

2005 ވަނަ އަހަރުން ފެށިގެން H1N2 ގެ ފެނިފައިވަނީ 27 ވޭދަނައެވެ. އަދި މިއީ ކެނެޑާއިން މި ބަލިން ފެނުނު ފުރަތަމަ ފަހަރެވެ. މި ބައްޔަކީ ކާ އެއްޗެހީގެ ސަބަބުން ޖެހޭ ބައްޔެއް ނޫން ކަމަށް ވެސް ސިއްހީ ފަރާތްތަކުން ބުނެފައިވެއެވެ.

H1N2 އަކީ މަދުން ފެންނަ ބާވަތެކެވެ. އާއްމުކޮށް ފެންނަ ބާވަތަކީ H1N1 އެވެ