އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ފިލިޑާފިއާގެ ވޯޓް ގުނާ މަރުކަޒަށް އާއްމުން ވަނުމުގެ ހުއްދަ ދޭން ކޯޓުން ދެންމެ އަމުރު ނެރެފިއެވެ.

ފިލިޑާފިއާގެ ވޯޓް ގުނާ މަރުކަޒުން އާއްމުން މިއަދު ނެރުނީ އެތަނަށް ޓްރަމްޕްގެ ސަޕޯޓަރުން ހަނގުރާމަވެރި ހަތިޔާރާއި އެކު ޖަމާވުމުން ހަމަނުޖެހުމެއް ހިނގާފާނެތީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

ވޯޓް ގުނާ މަންޒަރު އާއްމުންނަށް ދެއްކުމަށް އަމުރު ކޮށްދިނުން އެދި ޓްރަމްޕް ކޯޓަށް މައްސަލަ ހުށަހެޅުމުން ދެންމެ ނެރުނު އަމުރުގައި ބުނެފައި ވަނީ ވޯޓް ގުނާ އޮފިޝަލުނާއި ހަފޫޓް ދުރުގައި އާއްމުން ތިބެގެން ވޯޓް ގުނާ މަންޒަރު ފެންނާނެ ގޮތައް އިންތިޒާމްތައް ހަމަޖައްސަން އަމުރު ކުރާކަމަށެވެ.

"ހުރިހާ ކެންޑިޑޭޓުންނަށް، ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށް، އޮބްޒާވަރުންނަށް އަދި ވޯޓް ގުނާ މަންޒަރު ބަލަން ބޭނުންވާ ފަރާތްތަކަށް ވޯޓު ގުނާ މަންޒަރު ބެލުމުގެ ޙައްޤު ކަށަވަރު ކޮށްދޭން ޖެހޭނެއެވެ. ވޯޓް ގުނާ އޮފިޝަލުންނާއި ހަ ފޫޓް ދުރުގައި ހުރިހާ ފަރާތްތަކަކުން ވެސް ތިބެ ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާގޮތް ބެލުމުގެ ފުރުސަތު ދިނުމަށް އަމުރު ކުރަމެވެ." ކޯޓު އަމުރުގައި ވެއެވެ.

ވޯޓް ގުނާ މަރުކަޒަށް ވަންނަ އާއްމުން ތިބެން ޖެހޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ހިމެނޭނެ ކަމަށް ކޯޓު އަމުރު އިތުރަށް ތަފްސީލް ކޮށްދެމުން ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ވޯޓް ގުނާ މަރުކަޒަށް އާއްމުން ވަނުމުގެ ހުއްދަ ދިނުމަށް އަންގާ ކޯޓުން އަމުރު ނެރުމުން ވޯޓް ގުނުން ކުޑަ އިރުކޮޅަކަށް މެދުކަނޑާލިއެވެ. ނަމަވެސް މިހާރު ވަނީ އަލުން ވޯޓް ގުނަން ފަށާފައެވެ.

ވޯޓު ގުނާ މަރުކަޒަށް އާއްމުން ވަނުމުގެ ހުއްދަ ދޭން ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރަން ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ނިންމާފައެވެ. ޑިމޮކްރަޓިކް ޕާޓީން ހުށަހަޅާފައި ވަނީ ވޯޓް ގުނާ މަންޒަރު ލައިވް ސްޓްރީމް ކުރާށެވެ. އަދި ވޯޓް ގުނާ މަރުކަޒުގެ ބޭރުގައި ތިބެ އެމަންޒަރު ބެލޭނެ ގޮތް ހަދަން ކޯޓުން އަމުރު ކޮށްދޭން ޑިމޮކްރަޓިކް ޕާޓީން އެދޭނެ ކަމަށް އެޕާޓީގެ އޮފިޝަލުން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ކީއްވެބާ ބަރުހަތިޔާރާއެކީވަނު މުގެ
    ހުއްދަނުދިނީ ؟؟

    2
    2
  2. މާޝާ

    ރަނގަޅު ގޮތަކީ ފިލަޑެލްފިއާ. ޝުކުރިއްޔާ ހަބަރު ގެނެސްދެއްވާތީ. ކުރިއަށްގެންދަވާ. ކިޔާހިތުން އެބަ ކިޔަން.