އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާނެކަން ވަރަށް ބޮޑަށް ޔަގީންވެފައި ވާއިރު، އޭނާގެ ރަނިންމޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ކަމަލާ ހެރިސް އަށް މިވަނީ އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމުވެސް ކަށަވަރުވީކަމަށް ބެލެވެން ފަށާފަފައެވެ.

އިންޑިއާ އަންހެނަކާއި އެމެރިކާގެ ފިރިހެނަކަށް ލިބިވަޑައިގެންފައިވާ ކަމަލާ ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމާއި އެކު އޭނާ ވެގެންދާނީ އެމެރިކާގެ ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. އިންޑިއާ ދަރިފަސްކޮޅަށް ނިސްބަތްވާ ކަމަލާގެ މަންމަ އަކީ އިންޑިއާގެ ބޭކަނބަލެއް ކަމަށްވާ ޝަޔަމަލާ ގޮޕާލަން އެވެ. ޝަޔަމަލާ އަކީ ބައޯމެޑިކަލް ސައިންޓިސްޓެކެވެ.

ކަމަލާގެ މަންމަ ޝަޔަމަލާ އުފަންވެފައި ވަނީ އިންޑިއާގެ ޗެންނާއީއަށެވެ. އޭނާ އެމެރިކާ އަށް ވަޑައިގެންނެވީ އުމުރުން 19 އަހަރުގައެވެ. މަތީތައުލީމް ހާސިލް ކުރެއްވުމަށް އެމެރިކާ އަށް ވަޑައިގެން ޝަޔަމަލާ އެމެރިކާގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.

ކަމަލާ އެމެރިކާގެ ނައިބު ރައީސް ކަމަށް ވަޑައިގަންނަވާއިރު، ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތާމައަކަށް ވާނީ އެކަމަނާގެ އަރިހުގައި މަންމާފުޅު މިއަދު ނެތުމެވެ. ކަމަލާގެ މަންމަ ޝަޔަމަލާ ވަނީ 2009 ވަނަ އަހަރު އަވަހާރަވެފައެވެ.

ކަމަލާ އުފަންވެ ވަޑައިގެންނެވީ އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ އޮކްލޭންޑް އަށެވެ. އޭނާ ވަނީ ހަވާޑް ޔުނިވަސިޓީ އިންނާއި ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. ޑިސްޓްރިކްޓް އެޓާނީ އޮފީސްތަކުން ޤާނޫނީ ކެރިއަރު ފެއްޓެވި ކަމަލާ ވަނީ ކެލެފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމުން 2010 ވަނަ އަހަރުން ފެށިގެން ދެދައުރު ކުރައްވާފައެވެ.

2016 ވަނަ އަހަރު ކަމަލާ ވަނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވެ ވަޑައިގެންފައެވެ. އޭނާ އަކީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ދެކުނު އޭޝިއާ ބައްރުގެ ދަރިކޮޅަކަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.

ކަމަލާ އަށް ބައިޑެން ރަނިންމޭޓްކަން ދެއްވީ ހަ އަންހެން ބޭފުޅަކު ޝޯޓް ލިސްޓް ކުރެއްވުމަށް ފަހުއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކޮށްފަަި ނުވި ނަމަވެސް، ޖޯ ބައިޑެން މިހާރު ދަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާން ކުރުމަށް ތައްޔާރުވަމުންނެވެ.