ގްރީސްގެ ވެރިރަށް އެތެންސްގައި މިސްކިތެއް ނުހުންނަތާ ގާތްގަނޑަކަށް 200 ވަރަކަށް އަހަރު ފަހުން އެ ސިޓީގައި މިސްކިތެއް ހުޅުވައި އިއްޔެގެ ހުކުރު ނަމާދު ކޮށްފިއެވެ.

1833 ވަނަ އަހަރަށް ފަހު އިއްޔެ ފުރަތަމަ ފަހަރަށް ގްރީސްގެ އެތެންސްގެ މިސްކިތެއްގައި ހުކުރު ކުރުން އެގައުމުގައި ދިރިއުޅޭ މުސްލިމުން އަންނަނީ ވަރަށް އުފަލާއިއެކު ފާހަގަ ކުރަމުންނެވެ.

ގްރީސްގެ އެތެންސް އަކީ މުސްލިމުން ގިނަ ސިޓީއެކެވެ. ގްރީސްގެ މުސްލިމް އެސޯސިއޭޝަނުން ބުނާ ގޮތުގައި އެތެންސްގައި ބައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުން އަންނަ ކަމަށާއި ނަމަވެސް އެތެންސްގައި ހުޅުވި މިސްކިތަކީ 300 ފިރިހެނުންނާއި 50 ފިރިހެނުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

މުސްލިމް އެސޯސިއޭޝަންގެ އޮފިޝަލެއް ކަމަށްވާ އަނާ މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކަށް މިސްކިތް ބޭނުން ކުރުމުގެ ފުރުސަތު ނެތް ނަމަވެސް މިއީ ފެށުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެތެންސްގައި ބޮޑު މިސްކިތެއް ބިނާ ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެތެންސްގައި މިސްކިތެއް ހުޅުވީ އެގައުމުގެ ސަރުކާރުގެ ޚަރަދުގައެވެ.

ގްރީސް އަކީ އިސްލާމީ ހަޟާރަތާއި ވަރަށް ބޮޑަށް ގުޅިފައި އޮތް ގައުމެކެވެ. ކުރިން ގްރީސްގެ މީހުންނަށް މުހާތަބު ކުރާނީ ޔޫނާނީންގެ ނަމުންނެވެ. އުސްމާނީ ހިލާފަތުގެ ދަށުން މިނިވަންވެ ގްރީސް އިން ވަކި ދައުލަތެއް ގާއިމު ކުރީ 1830 ވަނަ އަހަރު އެވެ. އޭގެ ފަހުން ގްރީސްގައި ގާއިމުވި ރަސްކަމުން ވަނީ 1833 ވަނަ އަހަރު އެތެންސްގެ މިސްކިތްތައް ތަޅާލާފައެވެ.

ގްރީސްގެ އެތެންސްގައި މިސްކިތެއް ބިނާ ކުރުމުގެ ވާހަކަތައް 1890 ވަނަ އަހަރުން ފެށިގެން އަންނަނީ ދެކެވެމުންނެވެ. ނަމަވެސް ގުރީސްގައި ދިރުއުޅޭ ނަޞާރާ އޯތޮޑޮކްސުންނާއި ނެޝަނަލިސްޓުންގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އެތެންސްގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތައް އޮތީ ހުރަސް އެޅިފައެވެ.

އެތެންސްގައި މިސްކިތެއް ބިނާ ކުރުމަށް މުސްލިމުން ތަކުރާރުކޮށް ގޮވާލަމުން ދިއުމުގެ ސަބަބުން 2016 ވަނަ އަހަރު ގްރީސްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ އެތެންސްގައި މިސްކިތެއް ބިނާ ކުރުމަށް ފާސްކޮށްފައެވެ.

ގްރީސްގެ އެތެންސްގައި މިހާރު ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުންނާއި ޕާކިސްތާން އަދި ސީރިއާ މީހުން ވެސް ދިރިއުޅެއެވެ. ގްރީސް އަކީ މެދުއިރުމައްޗާއި ޔޫރަޕް ގުޅޭ ސަރަހައްދުގައި އޮންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުއްބުލް ވަޠަން

    އަލްޙަމްދު ﷲ

    50
    1
  2. ޖައުފަރު

    އޮރތޮޑޮކްސް ނަޞާރާއިންނަކީ ކެތަލިކުންނާއި ޚިލާފަށް މުސްލިމުންނާއި އެއްގޮތް ކަންތައްތަކެއް ގެންގުޅޭ ބައެއް

    15
    1
  3. ޢަބްދުﷲ

    އަލްޙަމްދު ލިﷲ، ކޮންފަދަ އުފާވެރި ޚަބަރެއްތޯއެވެ. މާތްﷲ ގެ ގެކޮޅެވެ. މިފަދަ ގެކޮޅެއް މިޖީލުގެ މުސްލިމުންނަށް ގުރީސް ގައިޮ އަލަށް ހުޅުވުނުކަން އެއީ އަހަރެމެން މުސްލިމުން ކޮޅުނެތްހާ ކޮޅަށް އުފާކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ގުރީސްގެ ސަރުކާރަށް ޝުކުރު ދަންނަވަމެވެ. މާތްﷲ މުސްލިމުންނަށް އަބަދުވެސް ނަޞްރާ ކާމިޔާބު މިންވަރުކުރައްވާށި!