ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާއިން ރިކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން އިއްޔެ އިތުރު 132،540 މީހަކު މި ބަލި ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ. މިއާއެކު އެ ގައުމުން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 10،060،464 އަށް އަރާފައެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން ފައްސިވެގެން ރިޕޯޓް ކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 123،718 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެގައުމުން އެންމެ ގިނަ މީހުން މިހާތަނަށް ފައްސިވެފައިވަނީ 25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓެކްސަސް ސްޓޭޓުންނެވެ. އެގޮތުން ބަލާއިރު، އެއް މިލިއަނަށް ވުރެ ގިނަ މީހުން އެ ސްޓޭޓުން ވަނީ ފައްސިވެފައެވެ.

އެމެރިކާ އިން މި ބަލި ޖެހިގެން އިތުރު 26 މީހަކު މަރުވެފައިވާއިރު، އިއްޔެ 1،248 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. ހަ މިލިއަނަށްވުރެ ގިނަ މީހުން މި ބަލިން ރަނގަޅުވެފައިވާއިރު ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް މިވަގުތު އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ވެސް 18،303 މީހެއްގެ ހާލު ސީރިއަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ 216 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވެ، އަދި ފައްސިވެފައިވާ ގައުމެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިންޑިއާއިންނެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ބްރެޒިލް އިންނެވެ.