އަޒަރުބައިޖާނުން އަރުމޭނިއާގެ ބާރުގެ ދަށުގައި އޮތް އަވަށެއް މިނިވަން ކޮށްފައިވާ ކަމަށް އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވް ހާމަ ކުރައްވައިފިއެވެ.

ގައުމާއި މުހާތަބު ކުރައްވާ އިލްހާމް ދިން ޓީވީ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ މިއީ އެ ގައުމުގެ ތާރީޙުގައި ނަން ފަވާލެވޭ ދުވަހަކަށް ވެގެންދާނެ ކަމަށެވެ.

ޝުޝާ ނަމަކަށް ކިޔާ އެ އަވަށް އަޒަރުބައިޖާނުގެ ބާރުގެ ދަށަށް ގެނެސްފައިވާކަން އިލްހާމް ހާމަ ކުރެއްވި ނަމަވެސް އަރުމޭނިއާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. އަރުމޭނިއާގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެ އަވަށުގައި އަދިވެސް ހަމަލާ ބަދަލު ކުރުންތައް ދަނީ ކުރިއަށެވެ.

މި ދެގައުމުގެ މެދުގައި މީގެ 6 ހަފްތާ ކުރިން ހަމަލާ ބަދަލުކުރުންތައް ފަށާފައިވާއިރު، ދެ ގައުމުންވެސް ބޭނުންވަނީ ނަގަރްނޯ-ކަރަބަކް ނަމަކަަށް ކިޔާ ފަރުބަދަ މަތީ ސަރަހައްދެއް ކޮންޓްރޯލް ކުރުމަށެވެ.

ސެޕްޓެމްބަރު މަސް ތެރޭ ދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށި ފަހުން މިހައިތަނަށް ޖުމްލަ 5،000ށް ވުރެން ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަޒަރުބައިޖާނަށް ތުރުކީ އިން ވާގިވެދޭއިރު ރަޝިޔާ އިން މި ދެ ގައުމަށްވެސް ހަތިޔާރު ފޯރުކޮށްދެއެވެ. ނަމަވެސް، މި ހަމަނުޖެހުން ނަގަރްނޯ-ކަރަބަކް ސަރަހައްދުން އަރުމޭނިއާގެ އެހެން ހިސާބުތަކަށް ދާން ފަށައިފިނަމަ ރަޝިޔާ އިން އަޒަރުބައިޖާން އަށް ހަތިޔާރު ވިއްކުން ހުއްޓާލާނެއެވެ.

މި ދެ ގައުމުގެ މެދުގައި ޒަމާންވީ ހަމަނުޖެހުންތަކެއް އޮތްއިރު، މީގެ ކުރިން މި ދެ ގައުމު ކުރި ހަނގުރާމަތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަސަނު

  ސޮލީބީން ހަދާނީ ހުސް ދޮގު 2000 އަހަރުވީ ދޮގުހަދާތާ

  12
 2. ފައިބާ

  އަލްޙަމްދުﷲ

  11
 3. ޗަކޮއި

  އަރްމީނިޔާއަށްވުރެ އަޒަރްބައިޖާންގެ އާބާދީ އެތައްގުނަ އިތުރު. އެކަމަކު އަރްމީނިޔާ މާބާރުގަދަކަމަށް ފެނޭ.

  4
  8
  • މޯލްޑިވިޔަން

   މުސްލިމުން ބާރު ގަދަވާނީ