އަރުމޭނިއާ އާއި އަޒަރުބައިޖާން ނަގޯނޯ-ކަރަބަކް މައްސަލައިގައި ކުރަމުން އަންނަ ހަނގުރާމަ ނިންމާލަން ރަޝިއާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކުރި މަޝްވަރާތައް ކާމިޔާބުވި ތިން ގައުމުން ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ނަޞާރާއިންނެވެ.

ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ފެށި ހަނގުރާމައިގައި މަދުވެގެން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަނގުރާމަ ހުއްޓާލަން އަރުމޭނިއާ އާއި އަޒަރުބައިޖާނުން އެއްބަސްވުމެއްގައި ރަޝިއާއާއިއެކު ސޮއި ކުރިކަން ފުރަތަމަ ކަށަވަރު ކޮށްދިނީ އަރުމޭނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން އެވެ. އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސޮއި ކުރި އެއްބަސްވުމަކީ "ވަރަށް ވޭންދެނިވި އެއްބަސްވުމެއް" ކަމަށެވެ.

ނަމަވެސް މިއީ މިހާލަތުގައި އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ނިކޮލް ވިދާޅުވިއެވެ.

އަޒަރުބައިޖާނުން ވަނީ ހަނގުރާމައިގެ ކާމިޔާބީ މިހާރު ވެސް އިއުލާން ކޮށްފައެވެ. އަޒަރުބައިޖާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އަރުމޭނިއާ އިން މަޝްވަރާގެ މޭޒަށް އަންނަން މަޖުބޫރުވީ އަޒަރުބައިޖާންގެ އަސްކަރީ ގާބިލްކަން ވަރުގަދަ ވުމުގެ ސަބަބުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމު މިކުރެވުނީ ނަގޯނޯ-ކަރަބަކް ސަރަހައްދުގައި އަރުމޭނިއާ އިން ހިފާފައި އޮންނަ "ޝުޝާ" ނަމަކަށް ކިޔާ އަވަށުން އަރުމޭނިއާ ސިފައިން ފައްސާލާ އެސަރަހައްދު އަޒަަރުބައިޖާން ސިފައިން ހިފިކަން އިއުލާން ކުރިތާ އެއްދުވަސް ފަހުންނެވެ. އަޒަރުބައިޖާނުން ވަނީ އަރުމޭނިއާގެ ބާރުގެ ދަށުގައި އޮތް އެހެން ބައެއް ސަރަހައްދުތައް ވެސް މިހާރު ހިފާފައިވާކަން އިއްޔެ އިއުލާން ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއެއްބަސްވުމުގައި ވާގޮތުން ކުރިން އަރުމޭނިއާ އިން ނަގޯނޯ-ކަރަބަކް ސަރަހައްދުން ހީފައިވާ އަޒަރުބައިޖާންގެ ބައެއް އަވަށްތައް އިތުރު ޝަރުތެއް ނެތި އަޒަރުބައިޖާން އާއި ހަވާލު ކުރަން ޖެހެއެވެ.

ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން ނަގޯނޯ-ކަރަބަކް ސަރަހައްދުގައި ތިބުމަށް ވެސް އެއްބަސްވެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއްބަސްވުމުގެ މާގިނަ ތަފްސީލްތަކެއް އަދި ނުލިބެއެވެ.