އެފްރިކާގެ އިރުމަތީގައި އޮންނަ މޮޒަމްބީކްގައި ހަނގުރާމަވެރިން އާއްމުން ދިރިއުޅޭ އަވަށަކަށް އަރައި އެއަވަށުގެ 50 އަށް ވުރެ ގިނަ މީހުންގެ ކަރުބުރިކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޮޒަމްބީކްގެ ފުލުހުން ބުނާ ގޮތުގައި އެތައް ބައެއްގެ ކަރު ބުރިކޮށްލާފައި ވަނީ ހަރުކަށި ހަނގުރާމަވެރިންގެ ޖަމާއަތް އައިއެސް އަށް ތާއިދު ކުރާ ހަނގުރާމަވެރިންނެވެ. އެމީހުން ވަނީ މިއުދަމްބެ އަދި މޮކޮމިއާ ނަމަކަށް ކިޔާ އަވަށަށް އަރަައި އާއްމުންގެ ގިނަ ބަޔަކު މަރާލުމަށް ފަހު އަންހެނުންނާއި ކުޑަކުދިން ވަގަށް ވެސް ނަގާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ދެއަވަށުގެ އެތައް ގެއެއްގައި ވަނީ ހުޅު ވެސް ޖަހާފައެވެ. ހަމަނުޖެހުންތައް ހިނގަމުންދާ ދެއަވަށަކީ ކާބޯ ޑެލްގާޑޯ ޕްރޮވިންސަށް ނިސްބަތްވާ ދެއަވަށެވެ.

ކާބޯ ޑެލްގާޑޯ ޕްރޮވިންސަކީ ހަނގުރާމަވެރިންގެ ބާރު އަބަދުވެސް ގަދަ ސަރަހައްދެކެވެ. 2017 ވަނަ އަހަރުން ފެށިގެން އެސަރަހައްދުގައި އައިއެސް އަށް ތާއިދު ކުރާ ހަނގުރާމަވެރިން ވަނީ 2000 އަށް ވުރެ ގިނަ މީހުން އެކިފަހަރު މަތިން މަރާފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގިނަ ބައެއްގެ ކަރު ބުރިކޮށްލާފައި ވަނީ އެސަރަހައްދުގެ ފުޓްބޯޅަ ދަނޑަކަށް މީހުންތައް އެއްކުރުމަށް ފަހު ކަމަށް މަންޒަރުދުއް މީހުން މޮޒަމްބީކުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ކާބޯ ޑެލްގާޑޯ ޕްރޮވިންސަށް މިހާރު ވަނީ އިތުރު ފުލުހުން ހަތިޔާރާއި އެކު ފޮނުވާފައެވެ.

ކާބޯ ޑެލްގާޑޯ ޕްރޮވިންސަކީ ހައްލައްކަ އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޕްރޮވިންސެކެވެ. ފާއިތުވި ދެތިން އަހަރު ތެރޭގައި އެ ޕްރޮވިންސުން ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒޫމް

    ގަބޫލެއް ނުކުރެވޭ.

    5
    8
  2. ޙަހަ

    ކޮބާތަ އައިއެސް އަށް ތާއީދު ކުރާ މީހުން އަދިވެސް ތާއީދު އެބޮތް ތަ؟ މުނާފިގުން