ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ ބޮޑު ޑްރަގް ލޯޑް، ނުވަތަ އެންމެ ނުރައްކާތެރި އެއް ގޭންގްގެ ލީޑަރު ކަމަށްވާ މެކްސިކޯގެ ޖޮކްއިން "އެލް ޗަޕޯ" ގުޒްމަން އެމެރިކާގެ ޖަލެއްގައި ހުރި ނަމަވެސް އޭނާ ފަގީރުންނާއިމެދު ބެހެއްޓި "ގާތްކަން" އޭނާގެ ދަރިން ވެސް ދަނީ ބަހައްޓަމުންނެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެޗްޕޯގެ ދަރިން މިހާރު ވަނީ އެމީހުން ދިރިއުޅޭ ސަރަހައްދުގައި ފަގީރުންނަށް ހާއްސަ ސްކޫލެއް އަޅައިދީފައެވެ.

މެކްސިކޯގެ މީޑިއާތަކުން ބުނާ ގޮތުގައި އެލްޗަޕޯގެ ދަރިން ކަމަށްވާ އޮވިޑިއޯ ގުޒްމަން، ޖޭސަސް ގުޒްމަން އަދި އިވާން ގުޒްމަން މަޝްހޫރު ނަމުންނަމަ "ލޮސް ޗަޕިޓޯސް" އިން ވަނީ ހަދުވަހުގެ މަސައްކަތުން ފަގީރުންނަށް ހާއްސަ ސްކޫލެއް އަޅާފައެވެ.

"ކޮވިޑް-19 އާއި ގުޅިގެން މެކްސިކޯގެ ދަރިވަރުންނަށް ވެސް ކިޔަވައި ދެމުން ގެންދަނީ އޮންލައިންކޮށް. ނަމަވެސް ފަގީރު ކަމުން އިންޓަނެޓް ނުލިބޭ އެތައް ކުދިންނެއް އެބަތިބި. އަދި ޓީވީއެއް ނުވަތަ ކޮމްޕިއުޓަރެއް ނެތް ކުދިން ވެސް އެބަތިބި. އެފަދަ ކުދިން އޮންލައިން ކްލާސްތަކުން މަހްރޫމް ވުމުން އެލްޗަޕޯގެ ތިން ދަރިން ވަނީ އެފަދަ ކުދިންނަށް ހާއްސަ ސްކޫލެއް މިހާރު ހުޅުވާފައި." ސްކޫލް ހުޅުވި ސަރަހައްދުގެ މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހިލާ ކިޔަވައިދޭ މި ސްކޫލްގައި މިހާރު 90 ކުދިން އެބަތިއްބެވެ.

އެމެރިކާގެ ޖަލެއްގައި މިހާރު އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އެލްޗަޕޯ ވަނީ އޭނާގެ ޖަލު ޙުކުމް އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ޖަލުން އޭނާ އަށް ސަލާމަތް ވެވިދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ.

އެލްޗަޕޯގެ ދަރިން އޭނާގެ ކާޓެލް ހިންގުމުގައި ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.