އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އިންތިހާބީ މައްސަލަތައް ޝަރުއީ ކޯޓްތަކަށް ހުށަހަޅަމުން ދާއިރު، އޮޅިގެން އެ ކޯޓަކަށް ނިސްބަތްނުވާ މައްސަލައެއް ހުށަހެޅިއްޖެކަން ރިޕޯޓްކޮށްފިއެވެ.

ވެރިކަން ކުރާ ރެޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޓްރަމްޕްގެ ކެމްޕޭން ޓީމްއިން އެމެރިކާގެ ފެޑެރަލް ކްލެއިމްސްގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓުގެ އިސް ފަނޑިޔާރު އިލެއިން ކަޕްލަން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައަކީ އެ ކޯޓުގެ ދާއިރާގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ކަރުދާހުގައި ވެސް އޮތް ގޮތުން އެ މައްސަލައަކީ މިޝިގަން ސްޓޭޓްގެ ވެސްޓާން ޑިސްޓްރިކްޓް ކޯޓްއަށް ހުށަހަޅާފައިވާ މައްސަލައެއް ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ، ބެލެވޭ ގޮތުގައި އެއީ އޮޅިގެން އެ ކޯޓަށް ހުށަހެޅުނު މައްސަލައެއް ކަމަށް ބަޔާނުގައިވެއެވެ.

ފެޑެރަލް ކްލެއިމްސްގެ ކޯޓުން އެ މައްސަލަ މިހާރު މިޝިގަން ސްޓޭޓްގެ ވެސްޓާން ޑިސްޓްރިކްޓް ކޯޓްއަށް މިހާރު ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ކޯޓުގައި ވަކި މައްސަލައެއްގެ ގޮތުގައި މިހާރު ފައިލް ކުރެވިފައިވާ ކަން އެ ކޯޓުން މައުލޫމާތު ދިން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންތިހާބުގެ ނަތީޖާ ބަލައިނުގަނެ ބައެއް ސްޓޭޓްތަކުގައި މެއިލް މެދުވެރިކޮށް ލަފާފައިވާ ވޯޓްތަކުގައި އޮޅުވާލުންތަކެއް އުޅޭ ކަމެއް ބުނެ އެ ސްޓޭޓްތަކުގެ ޑިސްޓްރިކްޓް ކޯޓްތަކަށް ޓްރަމްޕްގެ ފަރާތުން އިންތިހާބީ މައްސަލަތައް ދަނީ ހުށަހަޅަމުންނެވެ. އޭގެ ތެރެއިން ޕެންސިލްވާނިއާއާއި މިޝިގަންއާއި އެރިޒޯނާގެ ބައެއް ކޯޓްތަކަށް ވެއްދި މައްސަލަތަކެއް އެ ކޯޓްތަކުން ބޭރުކޮށްލާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އިދިކޮޅު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ވޯޓްއާއެކު އިންތިހާބު ކާމިޔާބުކޮށްފައެވެ. އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ގާތްގަނޑަކަށް 270 އެލެކްޓޯރަލް ވޯޓްއެވެ.

އެމެރިކާގެ އިންތިހާބީ ރައީސްއަކަށް ޖޯ ބައިޑައިން އިންތިހާބުވިއިރު އޭނާއަކީ އެންމެ ދޮށީ އިންތިހާބީ ރައީސްއެވެ. އަދި އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވޯޓް ލިބިވަޑައިގެންނެވި ކެންޑިޑޭޓްއަކީ ވެސް ޖޯ ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނިޒާމު އޮންނަ ގޮތުން އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ސްޓޭޓްތަކުގެ އަޣުލަބިއްޔަތު ވޯޓް ހޯދަން ޖެހެއެވެ. ކޮންމެ ސްޓޭޓްއަކަށް ވަކި އަދަދެއްގެ އެލެކްޓޯރަލް ވޯޓް ކަނޑައެޅިފައި އޮންނައިރު އެ ސްޓޭޓެއްގެ އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓަކަށް ސްޓޭޓްއަށް ކަނޑައެޅިފައި އޮންނަ ހުރިހާ އެލެކްޓޯރަލް ވޯޓްއެއް ކާމިޔާބު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ވަރަށް ވިއްސާރަ ދުވަސްވަރެއް! ފަހަރުގައި މައްސަލަ ވާރެކޯޓަށް ވައްދާފައިވެސް އޮވެދާނެ!

    23
  2. ހަސަދު

    ހަމަ ޕީޕީއެމް.ދެން މަޖުލިސް ގައި ފިއްތޭނީ ނުބައި ބަޓަން އަށް.

    8
    10