ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން އިތުރު 548 މީހަކު މި ބަލި ޖެހިގެން މިއަދު ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10،045 އަރާފައެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އެއީ 445 މީހުންނެވެ.

އެގައުމުން އިއްޔެވެސް 419 މީހަކު މިބަލީގައި މަރުވެފައިވާއިރު، ފާއިތުވި 3 ދުވަހު މިއަދަދު އުޅެނީ 200 މަތީގައެވެ. އެގައުމުން މީގެ ކުރިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އިއްޔެ އެގައުމުން އިތުރު 25،571 މީހަކު ވަނީ ފައްސިވެފައެވެ. މިއާއި އެކު އެގައުމުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 691،118 އަރާފައެވެ.

ދުނިޔޭގެ 217 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، ޕޮލޭންޑަކީ ފަހަކަށް އައިސް ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވަމުން އަންނަ އެއް ގައުމެވެ. މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ.

ޕޮލޭންޑުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 282،215 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 398،858 މީހަކަށެވެ. އޭގެ ތެރެއިންވެސް 2،126 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު