އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުމާއި އަދި ވޯޓް ގުނުމުގެ ތެރޭގައި ހިނގި ކަންކަމަށް ބިނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ފިލިޑާފިއާގައި ކޯޓަށް ހުށަހެޅި ތަފާތު ފަސް މައްސަލައެއް ކޯޓުން ބޭރުކޮށްލައިފިއެވެ.
ޓްރަމްޕްގެ ފަރާތުން ކޯޓަށް ހުށަހެޅި ހުރިހާ މައްސަލައެއް ވެސް ކޯޓުން ބޭރުކޮށްލީ މައްސަލައިގައި ކޮށްފައިވާ ދައުވާތަކަށް ބާރުލިބޭ އެކަށީގެންވާ ހެކިތަކެއް ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ. ޖުމްލަ 8300 ވޯޓާއި ގުޅޭ މައްސަލަތައް ޓްރަމްޕް ކޯޓަށް ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި ވޯޓް ކަރުދާހުގައި ވޯޓްލީ މީހުންގެ ނަމާއި ދިމާލުގައި ސޮއި ނެތުމުންނާއި ޕޯސްޓް ކުރި ބައެއް ވޯޓް ކަރުދާސްތަކުގައި ވޯޓްލީ މީހުން އެޑްރެސް ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަތައް ހިމެނެއެވެ.
ޓްރަމްޕް އެންމެ އަރިސް ޤާނޫނީ ވަކީލު ރޫޑީ ގްލިއާނީ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ "އިންތިޚާބު އޮޅުވާލާފައި ވުމުން" ޤާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް އަދި ވެސް ހުއްޓާނުލާ ކަމަށެވެ. ނަމަވެސް ގްލިއާނީ އާއިއެކު ޓްރަމްޕްގެ ޤާނޫނީ ޓީމްގައި އެންމެ އިސްކޮށް ދެން ހިމެނޭ ޑޭވިޑް ބޯސީ އާއި ކޯރޭ ލެވަންޑޮސްކީ މިހަފްތާގައި ކޮވިޑް-19 އަށް ފައްސިވުމުން ޓްރަމްޕްގެ ފަރާތުން ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.
އަދިވެސް ޝަރުއީ ދާއިރާ މެދުވެރިކޮށް "އިންތިޚާބުގެ ނަތީޖާ އަނގުރާލެވިދާނެ ކަމަށް" ވިސްނައިގެން ޓްރަމްޕްގެ ވަކީލް ގްލިއާނީ ކުރަމުން އަންނަ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި އެކަމުގެ ސަބަބުން 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޓްރަމްޕް ދެކޭ ހުވަފެން ސީދާ ނުވެދާނެ ކަމަށް ބުނެ ޓްރަމްޕްގެ ބައެއް ސަޕޯޓަރުން މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިންތިޚާބުގެ ކަންކަން މިހާރު ކޯޓަށް ހުށަހެޅުމާއި ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާ ޓްރަމްޕްގެ ސަޕޯޓަރުން ބުނާ ގޮތުގައި ސާބިތުނުހިފޭ މައްސަލަތަކެއް ޓްރަމްޕްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ޓްރަމްޕްގެ އަގުވެއްޓި ސިޔާސީ ގޮތުން ގެއްލުންތައް ލިބިގެން ދާނެއެވެ.
ޓްރަމްޕްގެ ފަރާތުން ވަރަށް ގިނަ ސްޓޭޓްތަކުގެ ކޯޓްތަކަށް ވަނީ މައްސަލަތައް ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް ޓްރަމްޕް ކުރާ ތުހުމަތުތަކަށް ބާރުލިބޭ ގޮތައް އެއްވެސް މައްސަލައެއް ނިންމާފައެއް ނުވެއެވެ.