އެމެރިކާ އިންޑިއާ އަދި އިތުރު ދެ ގައުމެއް ގުޅިގެން ބަންގާޅު ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

މި ތަމްރީނުތަކަކީ ޗައިނާގެ ނުފޫޒާއި ކުރިމަތިލައި ޗައިނާއަށް މެސެޖެއް ފޮނުވުމުގެ ގޮތުން ހަތަރު ގައުމު ގުޅިގެން ފެށި ތަމްރީނެކެވެ. މި ތަމްރީންތަކުގައި އެމެރިކާ އާއި އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ އާއި ޖަޕާންގެ ސިފައިން ވެސް ބައިވެރިވެއެވެ.

މި ތަމްރީނުތަކުގައި އަސްކަރީ މަނަވަރުތަކާއި މަތިންދާ ބޯޓުގެ ބޭނުން ސިފައިން އަންނަނީ ކުރަމުންނެވެ.

ދުނިޔޭގެ ބޮޑެތު ބާރުތައް ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީންތަކަށް ދީފައިވާ ނަމަކީ "މަލަބާރު" އެވެ. އޮސްޓްރޭލިއާއަށް މި ތަމްރީނުތަކުގައި ބައިވެރި ވުމަށް ދައުވަތު ދީފައިވަނީ އިންޑިއާއިންނެވެ.

މަލާބަރު ތަމްރީނުތައް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 1992 ވަނަ އަހަރުއެވެ. އެއީ އެމެރިކާ އަދި އިންޑިއާ ގުޅިގެން، އަދި ފަހުން ޖަޕާން ވަނީ މި ތަމްރީނުތަކުގައި ބައިވެރި ކުރުވާފައެވެ. މިއަދު ފެށި ތަމްރީނު ތަކުގައި އޮސްޓްރޭލިއާ ބައިވެރިވެފައިވަނީ މިވީ 13 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

މި ތަމްރީނުތަކުގެ ފުރަތަމަ ފިޔަވަހި ހުކުރު ދުވަހު ފެނިގެން ދާނެ ކަމަށާއި ދެވަނަ ފިޔަވަހި ފެނިގެން ދާނީ މިމަހުގެ ފަހު ކޮޅު ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި އަތްގަދަ ކުރަމުންދާ ކަމަށް އެމެރިކާ އާއި އިންޑިއާ ފަދަ ގައުމުތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.