ފްރާންސުގައި ހޯމް ސްކޫލިން ނުވަތަ ގޭގައި ކިޔަވައި ދިނުން މަނާކޮށް އަމުރު ނެރެ އެ އަމުރާ ހިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަޅު އެޅުމަށް ނިންމައިފި އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަމުން ދާ އެޤައުމުގެ ރައީސް އިމަނުއެލް މެކްރޯން ވަނީ ފްރާންސުގައި ދީނީ ހަރުކަށިކަން ގެންގުޅޭ ކަމަށް ބުނެ މުސްލިމުންނާއި ދެކޮޅަށް ނިކުމެފަ އެވެ. ފްރާންސް ސަރުކާރުން މިފަހަރު އެޅި ފިޔަވަޅުގެ ދަށުން ގޭގައި ކިޔަވައިދީފިކަން އެނގިއްޖެނަމަ 6 މަހުގެ ޖަލު ހުކުމެއް ނުވަތަ ބޮޑު އަދަދަކުން ޖޫރީމަނާ ކުރެވޭނެ އެވެ.

އިސްލާމް ދީނާއި ދެކޮޅަށް ފްރާންސުގެ ސަރުކާރުން ނިކުމެފައިވާއިރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަލަށް ފާސްކުރި ބިލުގައި ވާގޮތުން ދެ ޖިންސު އެކަހެރިކޮށް ސުއިމިން ކްލާސްތައް ނެގުމަށް ހުއްދަ ނުދިނުމާއި އޮންލައިން މެދުވެރިކޮށް ނަފުރަތު އުފެދޭ ވާހަކަތައް ނުދެވޭ ގޮތް ހެދުން ހިމެނެ އެވެ. އަދި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ފްރާންސުގައި ހުރި މިސްކިތް ތަކަށް ފަންޑު ލިބެނީ ކޮންގޮތަނަކުންތޯ ބެލޭނެ ގޮތް ހެދިފައި ހުންނަން ޖެހެއެވެ.

ފްރާންސުގެ އިންޓީރިޔާ މިނިސްޓަރު ބުނީ އެޤައުމުގައި ފިރިހެން ކުދީންނަށްވުރެ ގިނައިން އަންހެން ކުދީން ގޭގައި ބައިތިއްބާ ކަމަށެވެ. ހަމައެކަނި ގޭގައި ކިޔަވައި ދެވޭނީ ކުއްޖާގެ ހާލަތަށް ބެލުމަށް ފަހުގައި އާއި އާއިލާގެ ހާލަތައް ބެލުމަށް ފަހުގައެވެ. އަލަށް ގެނެވުނު މި ބަދަލާއި އެކު ހުރިހާ ކުދީންނަށްވެސް ވަކި ހާއްސަ އައިޑީއެއް ދެވި ކުދީން ސްކޫލަށް ދާތޯ ބެލޭނެ އެވެ.

ފްރާންސުގެ ރައީސް މެކްރޯން މިމަހުގެ ކުރީކޮޅު ބުނެފައިވާގޮތުން އެޤައުމުގެ ބައެއް ހިސާބުތަކަކީ ނިރުބަވެރިން އުފެއްދުމުގެ ޖަމާއަތްތައް ކަމަށާއި ބައެއް އަންހެން ކުޑަކުދީން އެއްކޮށް ނިވާކޮށް ޤައުމުގެ ސަގާފަތްތަކަށް ނަފްރަތް ކުރުމަށް ދަސްކޮށް ދެވިފައިވާ ކަމަށެވެ. އަދި އަންހެން ކުދީންނާއި ފިރިހެން ކުދީން އަތްޖޯޑުކޮށް ސަލާމް ނުކުރާތީވެސް އޭނާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އިސްލާމްދީނާއި ދެކޮޅަށް ފްރާންސުގެ ރައީސް މެކްރޯން މިހާރު މާގިނަ ފިޔަވަޅުތައް އަޅަމުން ދަނީ އެޤައުމުގެ ސްކޫލެއްގައި ކީރިތި ރަސޫލާގެ ކާޓޫނު ތަކެއް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލުމާއި ގުޅިގެންނެވެ. އެ ޓީޗަރުގެ ބޯ ބުރިކޮށްފައި ވަނީ މިއަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އެކަމާއި ގުޅިގެން ފްރާންސުގެ ރައީސް ވަނީ އެތައް ފަހަރެއްގެ މަތީން ރަސޫލާ އަށް ފުރައްސާރަ ކޮށް ވާހަކަ ދައްކާފައި އެވެ. އަދި އޭނާއި ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން ވަނީ އަޑުއުފުލައި އެކަން ކުއްވެރިކޮށްފަ އެވެ. އެއާއިއެކު އޭނާގެ ބަސްމަގު ފަހުން ބަދަލު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އޭރުން އެމީހުންގެ ލިބެރަލް އެޑިއުކޭޝަން މުސްލިމް ކުދިންގެ ބޯތަކައް ނުވެއްދި ހިނގައި ދާނެތާ.
    މިހާރު ކާކު ހަރުކަށި ނުވަނީ "ލިބެރަލިސް"ޓުން އުޅެނީ އެމީހުންގެ ފިކުރުތައް ގަދަކަމުން ފަތުރަން.މިމީހުން ދޯ މި ކަމޭހިތްވެފަ މަޑުކަށި ވަނީ. މުސްލިމް އިލްމުވެރިން ހަރުކަށި ވާނީ އަަދުވެސް މީހުންނައް.

    10