ތައިލެންޑްގެ ރަސްކަމާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މިހާރު ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ތައިލެންޑްގެ ރަސްކަން ގިނަ ދުވަސްތަކެއް ވަންދެން ދެމިގެން ހިނގައިދާނެތޯ ވެސް މިހާރު މިވަނީ ސުވާލު އުފެދިފައެވެ. ރަސްގެފާނާއި ދެކޮޅަށް މުޒާހަރާ ކުރުން އެއީ ބޮޑު އަދަބެއް ކަނޑައެޅޭ ކުށަކަށް ހެދުމުން ވެސް ރަސްގެފާނާއި ދެކޮޅަށް ތައިލެންޑްގައި ކުރަމުން އަންނަ މުޒާހަރާތައް ހުއްޓޭ ގޮތެއް ނުވިއެވެ.

ތައިލެންޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް "ރަސްކަން ހިމާޔަތް ކުރަން" ރާނީ ސިނީނަތު ބިލަސްކަލަޔާނީ މިވަނީ މިހާރު ނިކުމެފައެވެ. ސިނީނަތު އާއި ރަސްގެފާން ވަޖިރަލޮންކޮންގެ ގުޅުން 2019 ވަނަ އަހަރު ކެނޑި ބޮޑު ހާޖާނުގަނޑެއް ހިނގި ނަމަވެސް މީގެ ދެތިން މަސް ކުރިން އަނެއްކާ ދެބޭފުޅުން ވަނީ ގުޅިވަޑައިގެންފައެވެ.

ސިނީނަތު ވަނީ ރަސްގެފާން ދިފާއު ކުރުމުގެ ގޮތުން މިހާރު ތައިލެންޑްގެ އާއްމު ރައްޔިތުންނާއި ގުޅުން ބަދަހިކުރުމަށް ހާއްސަ މަސައްކަތްތެއް ފަށާފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސިނީނަތު ވަނީ އާއްމުންނާއި ހައްކަ ފަހަރަށް ބަދަލު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަހަރު ބައްދަލު ކޮށްފައި ވަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށެވެ.

އަދި ބުޑިސްޓް ފައްޅިއަކަށް ޒިޔާރަތްކޮށް އެންމެ އާދައިގެ ރައްޔިތުންނާއިއެކު އަޅުކަމުގައި ވެސް ބައިވެރިވެފައި ވެއެވެ.

އެހެންކަމުން ތައިލެންޑްގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރަސްގެފާނާއި މެދު އާއްމުންގެ ހިތުގައި ލޯބި އިތުރުކޮށް ރަސްކަމަށް ރައްޔިތުންގެ ތާއީދު އިތުރަށް ހޯދުމަށް ސިނީނަތު ކުރަމުން އަންނަ މަސައްކަތެކެވެ.

ތައިލެންޑްގެ ސިޔާސީ މަސްރަހުގައި ކާމިޔާބު ހޯދާ ވަރަށް ގިނަ ލީޑަރުންނަށް ސިޔާސީ މަސްރަހު ކާމިޔާބު ވުމާއި ރަށްފުށުގެ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ރައްޔިތުންނާއި ބާއްވާ ގުޅުން ހާއްސަ ދައުރެއް ކުޅެއެވެ. ނަމަވެސް މިހާރު ތައިލެންޑްގެ ހާލަތު ގޯސްވެފައި އޮތް މިންވަރަށް ބަލާއިރު ސިނީނަތުގެ މަސައްކަތުން ތައިލެންޑްގެ ރަސްކަން ހިމާޔަތް ކުރެވިދާނެތޯ ތަޖުރިބާކާރުން ވެސް ސުވާލު އުފައްދައެވެ.