ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިއްޔެ ވަނީ 10977 މީހުން މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަންގާރަ ދުވަހު ކޮވިޑް-19 ޖެހިގެން 10536 މީހުން މަރުވިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަނީ އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ހާލަތު ގޯސްވަމުން އަންނާތީއެވެ.

އިއްޔެ ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވީ ޔޫރަޕުންނެވެ. ޔޫރަޕްގެ ގައުމުތަކުން އިއްޔެ އެކަނިވެސް 5,148 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން މަރުވީ އުތުރު އެމެރިކާ ބައްރުންނެވެ. އުތުރު އެމެރިކާ ބައްރުން އިއްޔެ 2,326 މީހުން މަރުވިއެވެ. އޭގެތެރެއިން 1,964 މީހަކު މަރުވީ އެމެރިކާ އިންނެވެ. އިއްޔެ އޭޝިއާ އިން 1,780 މީހުން އަދި ދެކުނު އެމެރިކާ އިން 1,325 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިއްޔެ 611,213 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މީގެތެރެއިން 173,768 މީހަކު ކޮވިޑް-19 އަށް ފައްސިވީ އެމެރިކާ އިންނެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް އެމެރިކާ ފުރަބަންދެއް ނުކުރެއެވެ.

ހުޅަނގުގެ ގައުމުތަކުގެ ފިނި މޫސުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ކުރިން ވެސް އައީ ވިދާޅުވަމުންނެވެ. ނަމަވެސް ގިނަ ގައުމުތަކުގެ ހާލަތު ގޯސްވަމުން ދަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރިން އެޅި ފިޔަވަޅުތަކަށް ލުއިތައް ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕްރިންސެސް އެލިޒީ

    ހޮޕް ހޮޕް ޝާނީ