ކޮވިޑް-19 އަށް އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިން ދޭ މީހުންގެ ތެރެއިން %99 މީހުން ކޮވިޑް-19 އިން ދިފާއު ކޮށްދޭ ކަމަށް ދިރާސާތަކުން ދައްކާފައިވާކަން ދެންމެ އިއުލާން ކޮށްފިއެވެ.

ވެކްސިންގެ ތަހްލީލްތަކުގައި ބައިވެރިވި 560 މީހެއްގެ މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު ދެންމެ އާއްމު ކުރި މައުލޫމާތުތައް ބުނާ ގޮތުގައި މިއީ ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން މިހާތަނަށް ނަތީޖާތައް ލިބުނު އެންމެ ކާމިޔާބު އެއް ވެކްސިނެވެ.

މީގެ ކުރިން އެމެރިކާގެ މޮޑާނާ އާއި ފައިޒާ އަދި ބައޯއެންޓިކް ގުޅިގެން އުފެއްދި ވެކްސިންތަކުގެ ނަތީޖާ ވެސް ވަނީ އިއުލާން ކޮށްފައެވެ. އެވެކްސިންތައް ދޭ މީހުންގެ ތެރެއިން %95 މީހުން ކޮވިޑް-19 އިން ދިފާއު ކޮށްދޭކަމަށް ތަހްލީލްތަކުން ވަނީ ދައްކާފައެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ތަހްލީލްތަކުން ދައްކާ ގޮތުގައި ވެކްސިން ދޭތާ 28 ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްދެއެވެ. ވެކްސިންގެ ދެވަނަ ޑޯޒެއް ދީފިނަމަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑް-19 އިން ދިފާއު ވުމަށް ހަށިގަނޑު ތައްޔާރު ކޮށްދެއެވެ.

ވެކްސިންގެ ތަހްލީލްތަކުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން ފެނުނު ނަތީޖާ ޒުވާނުންގެ ހަށިގަނޑުން ފެނުނު ނަތީޖާއަށްވުރެ ރަނގަޅެވެ. އެހެންކަމުން މިއީ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

އޮކްސްފޯޑް ވެކްސިން ދިން ބައެއް މީހުން ވަނީ ވެކްސިން ދިނުމުން އަތުގައި ރިއްސުމާއި ވަރުބަލިކަން އިހްސާސްވާ ކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ދިން އެއްވެސް މީހަކަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމައެއް ނުވެއެވެ.

އޮކްސްފޯޑް ވެކްސިންގެ ތިން ވަނަ މަރުހަލާގައި ވެކްސިން ދީފައިވާ ހުރިހާ ވޮލެންޓިއަރުންގެ ނަތީޖާއެއް އަދި ނުލިބެއެވެ. ވެކްސިން އާއްމުކޮށް ބޭނުން ކުރަން ފޭށޭނެ ދުވަހެއް އެނގޭނީ ތިން ވަނަ މަރުހަލާގައި ވެކްސިން ދީފައިވާ ވޮލެންޓިއަރުންގެ ނަތީޖާ ލިބިގެންނެވެ. ނަމަވެސް އޭގެ ކުރިން ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އޮކްސްފޯޑްގެ ވެކްސިން އާއްމުކޮށް މީހުންނަށް ދޭން ފެށޭނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާގުންޑޭ

    ޗައިނާ ކުދިން ހާދަ ދެރަވާނޭ ދޯ

    1
    12
  2. ވިހަ މަދުކުރީ

    ދެތިން މީިހުން މަރާފަ.